މިހާރު އިންޑިއާގައި ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑްކަޕްގައި ދެކުނު އެފްރިކާ އަތުން 134 ލަނޑުން ބަލިވެ، ގަދަބާރު އޮސްޓްރޭލިއާ އަށް ހާސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.

މިއީ މި ފަހަރުގެ މުބާރާތުގައި އޮސްޓްރޭލިއާ ކުޅުނު ދެވަނަ މެޗެވެ. މި ދެ މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފައެވެ. އަނެއްކޮޅުން މިއީ ދެކުނު އެފްރިކާގެ ދެވަނަ މޮޅެވެ. މިހާތަނަށްއައިއިރު ސައްތައިން ސައްތައިގެ ރެކޯޑެއް އޮތް މަދު ޓީމުތަކުގެ ތެރޭގައި ދެކުނު އެފްރިކާ ހިމެނެއެވެ.

ލަކްނޯގައި ހުންނަ އެކާނާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން އޮސްޓްރޭލިއާ އިން ގަސްދުކުރީ ހޮވަން އަރާށެވެ. ދެކުނު އެފްރިކާ އިން ކުޅެން އަރައި، 50 އޯވަރުގެ ތެރޭގައި ވަނީ ހަތް ވިކެޓަށް 311 ލަނޑުހަދައިފައެވެ.

މި އިނިންގްސްގައި ދެކުނު އެފްރިކާ އިން އެންމެ މޮޅަށް ކުޅުނީ 106 ބޯޅައިން 109 ލަނޑުހެދި ވިކެޓްކީޕަރު ބެޓްސްމަން، ކުއިންޓަން ޑެ ކޮކް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ. ދެކުނު އެފްރިކާ އިން ދެން އެންމެ ރަނގަޅަށް ކުޅުނު އެއިޑެން މާކްރަމް ވަނީ 44 ބޯޅައިން 56 ލަނޑުހަދައިފައެވެ. އެ ޓީމުގެ ކެޕްޓަން، ޓެމްބާ ބަވޫމާ ވަނީ 55 ބޯޅައިން 35 ލަނޑުހަދައިފައެވެ.

އޮސްޓްރޭލިއާ އިން އެންމެ ރަނގަޅަށް އުކި މިޗޭލް ސްޓާކް އާއި ގްލެން މެކްސްވެލް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއިރު، ޖޯޝް ހޭޒަލްވުޑް އާއި ޕެޓް ކަމިންގްސް އަދި އެޑަމް ޒަމްޕާ ވަނީ ވިކެޓެއްނަގައިފައެވެ.

ޖަވާބުގައި ކުޅެން އެރި އޮސްޓްރޭލިއާގެ ހުރިހާ ކުޅުންތެރިން 40.5 އޯވަރުގެ ތެރޭގައި ނުބައިވީ އެންމެ 177 ލަނޑަށެވެ. މި އިނިންގްސްގައި އޮސްޓްރޭލިއާގެ މާނުސް ލަބުޝާނޭ ފިޔަވައި އެހެން ބެޓްސްމަނަކަށް ރަނގަޅަށް ސްކޯއެއް ނުކުރެވުނެވެ. އޭނާ ނުބައިވީ 46 ލަނޑަށެވެ. ޑޭވިޑް ވޯނާ 13 ލަނޑަށް ނުބައިވިއިރު، ސްޓީވެން ސްމިތު ނުބައިބީ 19 ލަނޑަށެވެ. މި އިނިންގްސްގައި އޮސްޓްރޭލިއާގެ ކުޅުންތެރިން މިހާ ދަށް ސްކޯއަކަށް ނުބައިކޮށްލުމުގައި ދެކުނު އެފްރިކާގެ ކަގީސޯ ރަބާޑާ ވަނީ ތިން ވިކެޓް ނަގައިފައެވެ. ދެން އެންމެ ރަނގަޅަށް އުކި މާކޯ ޖެންސަން އާއި ކޭޝަވްް މަހަރާޖް އަދި ތަބްރައިޒް ޝަމްސީ ދެ ވިކެޓްނެގިއެވެ.

މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބަންގްލަދޭޝް ނިކުންނާނީ ނިއު ޒީލެންޑާ ދެކޮޅަށެވެ. މިހާތަނަށްއައިއިރު ނިއު ޒީލެންޑް ވަނީ ކުޅުނު ދެ މެޗު ކާމިޔާބުކޮށްފައެވެ. ބަންގްލަދޭޝް ވަނީ ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފައެވެ.