މިހާރު އިންޑިއާގައި ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި މިއަދު ކުޅުނު މެޗުގައި ވާދަވެރި ޕާކިސްތާން ހަތް ވިކެޓުން ބަލިކޮށް، އިންޑިއާ އިން ސައްތައިން ސައްތައިގެ ރެކޯޑް ދަމަހައްޓައިފިއެވެ.

އަނެއްކޮޅުން މިއީ އެއްދުވަހުގެ ބައިނަލްއަގުވާމީ ކްރިކެޓްގައި ވޯލްޑް ކަޕްގެ ތާރީޚުގައި ޕާކިސްތާންގެ މައްޗަށް އިންޑިއާ އިން ކުރިހޯދީ 8 ވަނަ ފަހަރެވެ. މިހާތަނަށް އެއްދުވަހުގެ ބައިނަލްއަގުވާމީ ކްރިކެޓްގައި ވޯލްޑް ކަޕްގައި މި ދެ ޓީމު ބައްދަލުކުރި ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައިވަނީ އިންޑިއާ އިންނެވެ.

އިންޑިއާގެ އަހުމަދުއާބާދުގައި ހުންނަ ނަރެންދްރަ މޯދީ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ޓޮސް ދިމާވުމުން އިންޑިއާ އިން ގަސްދުކުރީ ހޮވަން އަރާށެވެ. ޕާކިސްތާނުން ކުޅެން އަރައި، 42.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 191 ލަނޑެވެ.

ފުރަތަމަ އިނިންގްސްގައި ޕާކިސްތާނުން 30 އޯވަރުގެ ތެރޭގައި ދެ ވިކެޓަށް 155 ލަނޑު ހަދާފައިވަނިކޮށް އިންޑިއާގެ އުކުންތެރިން ދެއްކި މޮޅު ކުޅުމާއެކު އެ ޓީމުގެ ފަހު 8 ވިކެޓް ގެއްލުނީ އެންމެ 36 ލަނޑަށެވެ.

އިންޑިއާ އާ ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

މި އިނިންގްސްގައި ޕާކިސްތާންގެ ކުޅުންތެރިން މިހާ ދަށް ސްކޯއަކަށް ނުބައިކޮށްލުމުގައި އެންމެ އިސް ދައުރެއް އަދާކުރީ އިންޑިއާގެ އުކުންތެރިޔާ، ޖަސްޕްރީތު ބުމްރާ އެވެ. އޭނާ ވަނީ ހަތް އޯވަރުގެ ތެރޭގައި 19 ލަނޑަށް ދެ ވިކެޓްނަގައިފައެވެ. މީގެއިތުރުން، އިންޑިއާގެ އުކުންތެރިން ކަމަށްވާ، މުޙައްމަދު ސިރާޖް އާއި ހާޑިކް ޕާންޑްޔާގެ އިތުރުން ކުލްދީޕް ޔާދަވް އަދި ރަވިންދުރަ ޖަދޭޖާ ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ.

ޕާކިސްތާންގެ އިނިންގްސްގައި އެންމެ ރަނގަޅަށް ކުޅުނީ 58 ބޯޅައިން 50 ލަނޑުހެދި އެ ޓީމުގެ ކެޕްޓަން، ބާބަރް އާޒަމް އެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ވިކެޓްކީޕަރު ބެޓްސްމަން، މުޙައްމަދު ރިޒްވާން ވަނީ 69 ބޯޅައިން 49 ލަނޑު ހަދައިފައެވެ.

ޖަވާބުގައި ކުޅެން އަރައި، އިންޑިއާ އިން ވަނީ ބާކީ 117 ބޯޅަ އޮއްވަ، ތިން ވިކެޓަށް 192 ލަނޑުހަދައި މެޗު ކާމިޔާބުކޮށްފައެވެ. އިންޑިއާ އިން އެންމެ ރަނގަޅަށް ކުޅުނީ ކެޕްޓަން، ރޯހިތު ޝަރްމާ އެވެ. ރޯހިތު ވަނީ 63 ބޯޅައިން 86 ލަނޑުހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ޝްރެޔަސް އަޔަރް ނުބައިނުވެ 62 ބޯޅައިން 53 ލަނޑުހެދިއިރު، ވިރާތު ކޯލީ ނުބައިވީ 16 ލަނޑަށެވެ. މި އިނިންގްސްގައި ޕާކިސްތާންގެ ޝާހީން ޝާހް އަފްރީދީ ދެ ވިކެޓްނެގިއިރު، ހަސަން އަލީ ވިކެޓެއްނެގިއެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިންޑިއާގެ އުކުންތެރޔާ، ޖަސްޕްރީތު ބުމްރާ ޓްރޮފީ އާއެކު. --ފޮޓޯ: ގެޓީ އިމޭޖަސް

މި މެޗުން ހޯދީ މޮޅާއެކު އިންޑިއާ ވަނީ ތިން މެޗުން ހަ ޕޮއިންޓް ހަމަކޮށް ތާވަލްގެ އެއްވަނަ އަށް ޖެހިލާފައެވެ. ދެވަނައިގައި ނިއު ޒީލެންޑް އޮތީ ހަ ޕޮއިންޓާއެކު އެވެ. އިންޑިއާ އަށް ކުރިލިބެނީ ނެޓް ރަން ރޭޓުންނެވެ. ތިންވަނައިގައި އޮތް ދެކުނު އެފްރިކާ އާއި ހަތަރެއްގައި އޮތް ޕާކިސްތާނަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އެއް މެޗު މަދުން ކުޅެފައިވާ ދެކުނު އެފްރިކާ އަށް ކުރިލިބެނީ ނެޓް ރަން ރޭޓުންނެވެ.

މި މުބާރާތުގައި އިންޑިއާ އަށް ދެން އޮތީ މި މަހުގެ 19 ވާ ބުރާސްފަތި ދުވަހު ބަންގްލަދޭޝްއާ ބައްދަލުކުރާ މެޗެވެ. އޭގެ އެއް ދުވަސް ފަހުން، އަންނަ ހުކުރު ދުވަހު ޕާކިސްތާން ނިކުންނާނީ އޮސްޓްރޭލިއާ އާ ދެކޮޅަށެވެ.