ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އަދިވެސް ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށާއި، އޭނާ އާއެކު މަސައްކަތްކުރުމަކީ ލިބޭ އުފަލެއް ކަމަށް އެ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

މީގެކުރިން، މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑަށް ކުޅެފައިވާ ރޮނާލްޑޯ ވަނީ ޕޯޗުގަލް ގައުމީ ޓީމަށް އެންމެ ފަހުން ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދައްކައި، ދެ ލަނޑުޖަހައިފައެވެ. މިއާއެކު، ރޮނާލްޑޯ، 38، ގައުމީ ޓީމަށް ޖެހި ލަނޑުގެ އަދަދު ވަނީ 125 އަށް އަރައިފައެވެ. ރޮނާލްޑޯ މި އަދަދަށް ލަނޑު ޖެހީ 202 މެޗުންނެވެ. މިއީ ވެސް ރެކޯޑެކެވެ. އެ މެޗުން ހޯދީ މޮޅާއެކު ޕޯޗުގަލް ވަނީ އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުން ޖާގަ ހޯދާފައެވެ.

މާޓިނޭޒް ބުނީ، ރޮނާލްޑޯ ވަރަށް ރަނގަޅަށް އޭނާގެ ފިޓްނަސް މެއިންޓެއިން ކުރާ ކަމަށާއި، ކްލަބަށް ކުޅޭއިރު ވެސް ގިނަ މިނެޓު ދަނޑުގައި ހުރެ، ގިނަ ގޯލްތަކެއް ޖަހާ ކަމަށެވެ.

"ގައުމީ ޓީމާ އެކު ވެސް ރޮނާލްޑޯގެ ތަޖުރިބާ ވަރަށް ބޮޑު، އޭނާ އަކީ ޒުވާން ކުޅުންތެރިންނަށް ނަމޫނާ ދައްކާ ހުނަރުން ފުރިފައިވާ ކުޅުންތެރިއެއް." މާޓިނޭޒް ބުންޏެވެ.

މާޓިނޭޒް ނިންމާލަމުން ބުނީ، ފުޓްބޯޅަ އަކީ އިންޑިވިޖުއަލް ކުޅިވަރެއް ނޫން ކަމަށާއި، އެއީ ހުރިހާ އެންމެންގެ ކުޅިވަރެއް ކަމަށެވެ. މީގެއިތުރުން، ޓީމަށް ދޭ ކޮމިޓްމަންޓްގައި ރޮނާލްޑޯގެ ފަރާތުން އެއްވެސް ކަހަލަ އުނިކަމެއް ފެނިގެންގޮސްފައިނުވާ ކަމަށް ވެސް މާޓިނޭޒް ފާހަގަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު