ބުންޑެސްލީގާގައި ރޭ އަމިއްލަ ދަނޑުގައި ވާޑާ ބްރޭމަން 0-1 އިން ބަލިކޮށް، ބޮރޫޝިއާ ޑޯޓްމަންޑް ވަގުތީގޮތުން ލީގު ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

މިއީ މިފަހަރުގެ ސީޒަނުގައި ޑޯޓްމަންޑް އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވި ހަތަރުވަނަ ފަހަރެވެ. އެއްމެޗުން ބަލިވިއިރު، އަނެއް މެޗުން ވީ އެއްވަރެވެ. އެ ޓީމު ބަލިވީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި ޕީއެސްޖީއާ ބައްދަލުކުރި މެޗުންނެވެ.

މި ނަތީޖާއާއެކު ޑޯޓްމަންޑް އެއްވަނައިގައި އޮތީ އަށް މެޗުން ލިބުނު 20 ޕޮއިންޓާއެކު އެވެ. މިވަގުތު ދެވަނައިގައި އޮތް ބަޔާ ލެވަކޫސަން މި ހަފްތާގައި ކުޅޭ މެޗު ކާމިޔާބުކޮށްގެން އަލުން އެއްވަނަ މަގާމަށް އެރޭނެ އެވެ. ލެވަކޫސަން ދެވަނައިގައި އޮތީ ހަތް މެޗުން ލިބުނު 19 ޕޮއިންޓާއެކު އެވެ. ތިނެއްގައި އޮތް ވީއެފްބީ ސްޓުޓްގާޓަށް ހަތް މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، ބަޔާން މިއުނިކް އޮތީ ހަތް މެޗުން ލިބުނު 17 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

ޑޯޓްމަންޑްގެ ސިގްނަލް އިޑޫނާ ޕާކްގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖަރުމަން މިޑްފީލްޑަރު، ހޫލިއަން ބްރެންޓް އެވެ. މިއީ އެ ޓީމުގެ އެމްރޭ ޗާން ދިން ތުރޫ ޕާހަކުން ލިބުނު ބޯޅައެއް ގޯލްގެ ތިރީކަނަށް އަމާޒުކޮށްލައިގެން ބްރެންޓް ކާމިޔާބުކުރި ގޯލެކެވެ.

މި މެޗުން ބަލިވި ބްރޭމަން އޮތީ ތާވަލްގެ 14 ވަނައިގައެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު އަށް މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ.

ޑޯޓްމަންޑަށް ދެން އޮތީ އަންނަ ބުދަ ދުވަހުގެ ރޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ބައްދަލުކުރާ މެޗެވެ. ބްރޭމަން އަށް ދެން އޮތީ މި މަހުގެ 28 ވާ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ޔޫނިއަން ބާލިންއާ ދެކޮޅަށް ކުޅޭ މެޗެވެ.

މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި، ބަޔާނުން ރަށުން ބޭރުގައި މައިންޒްއާ ބައްދަލުކުރާ މެޗުގެ އިތުރުން ވުލްފްސްބާގްގެ ދަނޑުގައި ލެވަކޫސަންއާ ބައްދަލުކުރާ މެޗާއި، އާރްބީ ލީޕްޒިގުން ރަށުން ބޭރުގައި އެސްވީ ޑާމްސްޓަޓްއާ ދެކޮޅަށް ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ.