މިހާރު އިންޑިއާގައި ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި މިއަދު ސްރީ ލަންކާ އަތުން 302 ލަނޑުގެ ތަފާތަކުން ހޯދި މޮޅާއެކު އިންޑިއާ އިން އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މި ނަތީޖާއާއެކު އިންޑިއާ ވަނީ ސައްތައިން ސައްތައިގެ ރެކޯޑަކާއެކު މިހާތަނަށް ކުޅުނު ހަތް މެޗުން 14 ޕޮއިންޓް ހަމަކޮށްފައެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި ދެކުނު އެފްރިކާ އޮތްއިރު، ތިނެއްގައި އޮތް އޮސްޓްރޭލިއާ އާއި ހަތަރުވަނައިގައި އޮތް ނިއު ޒީލެންޑަށް ލިބިފައިވަނީ 8 ޕޮއިންޓެވެ. އޮސްޓްރޭލިއާ އަށް ކުރި ލިބެނީ ނެޓް ރަން ރޭޓުންނެވެ.

މުމްބާއީގެ ވަންކެޑޭ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ސްރީ ލަންކާ އިން ގަސްދުކުރީ ހޮވަން އަރާށެވެ. އިންޑިއާ އިން ކުޅެން އަރައި، 50 އޯވަރުގެ ތެރޭގައި 8 ވިކެޓަށް 357 ލަނޑު ހެދިއިރު، އެ ޓީމަށް އެންމެ ގިނަ ލަނޑު ހަދައި ދިނީ ޝުބްމަން ގިލް އާއި ވިރާތު ކޯލީ އެވެ. ގިލް ވަނީ 92 ބޯޅައިން 92 ލަނޑު ހަދައިފައެވެ. ވިރާތު ނުބައިވީ 88 ލަނޑަށެވެ.

ފުރަތަމަ އިނިންގްސް ފެށިއިރު އިންޑިއާގެ ކެޕްޓަން، ރޯހިތު ޝަރްމާ ދެވަނަ ބޯޅައަށްފަހު ހަތަރު ލަނޑަށް ނުބައިވުމުން، ގިލް އާއި ވިރާތު ވަނީ ދެ ވަނަ ވިކެޓަށް 189 ލަނޑުގެ ޕާޓްނާޝިޕެއް ހަދައިފައެވެ. އެއަށްފަހު ވިރާތު އާއި ގިލް އަށް ވެސް ސައްތައެއް ނުހެދި ނުބައިވުމުން ދެން ކުޅެން ނިކުތް ކުޅުންތެރިންގެ ތެރެއިން ޝްރެޔަސް އަޔަރް އިސްވެ، ހުރެ ވަނީ އިންޑިއާ އަށް ރަނގަޅު ސްކޯއެއް ހެދުމުގައި އެހީތެރިވެދީފައެވެ. އޭނާ ވަނީ 56 ބޯޅައިން 82 ލަނޑުހަދައިފައެވެ. ސްރީ ލަންކާ އިން އެންމެ ރަނގަޅަށް އުކި ދިލްޝާން މަދުޝަންކާ ފަސް ވިކެޓްނެގިއެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިންޑިއާގެ، މުޙައްމަދު ޝާމީ. --ފޮޓޯ: އައިސީސީ / ގެޓީ އިމޭޖަސް

ސްރީ ލަންކާ އަށް މޮޅުވުމަށްޓަކައި ޓާގެޓެއްގެ ގޮތުގައި ވޯލްޑް ކަޕްގެ ރެކޯޑް އަދަދެއް ކަމަށްވާ، 358 ލަނޑު ހަދަންޖެހުނުއިރު، ދެވަނަ އިނިންގްސްގެ ކުޅުމުގެ ފުރަތަމަ 10 އޯވަރުގެ ތެރޭގައި އެ ޓީމުގެ ހަ ކުޅުންތެރިން ނުބައިވީ އެންމެ 14 ލަނޑަށެވެ. ސްރީ ލަންކާ އިން ބައިނަލްއަގުވާމީ އެއް ދުވަހުގެ ކްރިކެޓްގެ އެންމެ ދަށް ސްކޯ ކަމަށްވާ، 35 ލަނޑު ފަހަނައަޅައި ގޮސް، 19.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ އެންމެ 55 ލަނޑަށެވެ. މިއީ މި ފަހަރުގެ މުބާރާތުގެ އެންމެ ދަށް ސްކޯ އެވެ.

މި އިނިންގްސްގައި ސްރީ ލަންކާގެ ކުޅުންތެރިން މިހާ ދަށް ސްކޯއަކަށް ނުބައިކޮށްލުމުގައި އިންޑިއާގެ އުކުންތެރިން ކަމަށްވާ، މުޙައްމަދު ޝާމީ އާއި މުޙައްމަދު ސިރާޖް ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. އެގޮތުން، ޝާމީ ވަނީ ފަސް އޯވަރުގެ ތެރޭގައި 18 ލަނޑަށް ފަސް ވިކެޓްނަގައިފައެވެ. މީގެތެރޭގައި އެއް މެއިޑެން ހިމެނެއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ޝާމީ ހޮވުނުއިރު، އެ ޓީމުގެ ސިރާޖް ވެސް ތިން ވިކެޓްނެގިއެވެ. މީގެއިތުރުން، މި މެޗުގައި ނެގި ފަސް ވިކެޓާއެކު ޝާމީ ވަނީ 45 ވިކެޓް ހަމަކޮށް، ވޯލްޑް ކަޕްގެ ހުރިހާ މުބާރާތެއްގައި މިހާތަނަށް އިންޑިއާ އަށް އެންމެ ގިނަ ވިކެޓްނެގި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ޝާމީ މިއަދަދު ހަމަކުރީ އެންމެ 14 މެޗުންނެވެ.

މި މުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި އަފްޣާނިސްތާން ނިކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން 13:30 ގައެވެ.