ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް، ރޮޑްރިގޯ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މިއާއެކު، އަލަށް ހެދި އެއްބަސްވުމުގައި އެއް ބިލިއަން ޔޫރޯގެ ރިލީޒް ކްލޯޒްއެއް ހިމަނާފައިވާ ކަމަށް ފަހުގެ މީޑިއާ ހަބަރުތައް ބުނެއެވެ.

ރޮޑްރީގޯ، 22، ރެއާލްއާ ގުޅުނީ 2019 ވަނަ އަހަރު ބްރެޒިލްގެ ކްލަބު ސަންޓޯސް އިންނެވެ. އޭރު އޭނާގެ އުމުރަކީ އެންމެ 18 އަހަރެވެ.

ރޮޑްރީގޯ ވަނީ މިހާތަނަށް ރެއާލަށް ކުޅެދިން 179 މެޗުގައި 39 ލަނޑު ޖަހައިދީފައެވެ. އަދި އޭނާ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް 18 މެޗު ހަމަކޮށްފައެވެ. އެންމެ ފަހުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކުރި ބްރެޒިލް ޓީމުގައި ވެސް ރޮޑްރީގޯ ހިމެނުނެވެ.

ރެއާލްގައި ހޭދަކުރީ މުއްދަތުގައި އޭނާ ވަނީ ދެ ފަހަރު ސްޕެނިޝް ލީގު، ކޮޕާ ޑެލް ރޭ އާއި ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔޫރަޕިއަން ސުޕަ ކަޕާއި، ކްލަބް ވޯލްޑް ކަޕް އެއް ފަހަރު އުފުލާލައިފައެވެ.

ރޮޑްރީގޯގެ ކޮންޓްރެކްޓް ރެއާލުން އާކުރިއިރު، މި ހަފްތާ ކުރީކޮޅު އެ ޓީމުން ވަނީ ބްރެޒިލްގެ ވިންގް، ވިނީޝަސް ޖޫނިއާގެ އެއްބަސްވުން 2027 ވަނަ އަހަރުގެ ނިޔަލަށް އިތުރުކޮށްފައެވެ.