މިހާރު އިންޑިއާގައި ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި މިއަދު ކުޅުނު މެޗުން ނެދަލެންޑްސް ހަތް ވިކެޓުން ބަލިކޮށް، އަފްޣާނިސްތާނުން ސެމީ ފައިނަލަށް ދިއުމުގެ އުއްމީދު ބޮޑުކޮށްފިއެވެ.

މި ނަތީޖާއާއެކު އަފްޣާނިސްތާން ވަނީ ހަތް މެޗުން 8 ޕޮއިންޓް ހަމަކޮށް، ތާވަލްގެ ފަސްވަނަ އަށް ޖެހިލާފައެވެ. މިއަދަދަށް ޕޮއިންޓް ލިބިގެން ނެޓް ރަން ރޭޓުން އޮސްޓްރޭލިއާ ތިންވަނައިގައި އޮތްއިރު، ނިއު ޒީލެންޑް އޮތީ ހަތަރުވަނައިގައެވެ.

މިހާތަނަށް ކުޅުނު މެޗުތަކަށްފަހު އިންޑިއާ އެއްވަނައިގައި އުޅެނީ ސައްތައިން ސައްތައިގެ ރެކޯޑާއެކު ހަތް މެޗުން ލިބުނު 14 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ދެކުނު އެފްރިކާ އޮތީ ހަތް މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ.

ލަކްނޯގައި އެކާނާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ނެދަލެންޑްސް އިން ކުޅެން އަރައި، 46.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 179 ލަނޑެވެ.

މި އިނިންގްސްގައި ނެދަލެންޑްސްގެ ސީބްރޭންޑް އެންޖެލްބްރެކްޓް ވަނީ 58 ލަނޑުހަދައިފައެވެ. އެ ޓީމުން ދެން އެންމެ ރަނގަޅަށް ކުޅުނު މެކްސް އޯ ޑައުޑް ވަނީ 40 ބޯޅައިން 42 ލަނޑުހެދިއެވެ. އަފްޣާނިސްތާންގެ މުޙައްމަދު ނާބީ ތިން ވިކެޓްނެގިއިރު، ނޫރް އަހުމަދު ދެ ވިކެޓްނެގިއެވެ.

ޖަވާބުގައި ކުޅެން އަރައި، 31.3 އޯވަރުގެ ތެރޭގައި އަފްޣާނިސްތާނުން ވަނީ ތިން ވިކެޓަށް 181 ލަނޑު ހަދައިފައެވެ. އަފްޣާނިސްތާނުން އެންމެ ރަނގަޅަށް ކުޅުނީ ކެޕްޓަން، ހަޝްމަތުﷲ ޝަހީދީ އެވެ. ހަޝްމަތުﷲ ވަނީ ނުބައިނުވެ 64 ބޯޅައިން 56 ލަނޑުހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ރަހްމަތު ޝާހް 52 ލަނޑުހެދިއިރު، އަޒްމަތުﷲ އޮމަރްޒާއީ ވަނީ ނުބައިނުވެ 28 ބޯޅައިން 31 ލަނޑުހަދައިފައެވެ.

މި އިނިންގްސްގައި ނެދަލެންޑްސްގެ ލޯގަން ވެން ބީކް އާއި ރޮލްފް ވެން ޑަ މާރވް އަދި ސާގިބް ޒުލްފިގާރް ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއްނެގިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަފްޣާނިސްތާންގެ މުޙައްމަދު ނާބީއެވެ.

އަފްޣާނިސްތާނަށް ދެން އޮތީ މި މަހުގެ 7 ވާ އަންގާރަ ދުވަހު އޮސްޓްރޭލިއާއާ ބައްދަލުކުރާ މެޗެވެ. އޭގެ އެއް ދުވަސް ފަހުން ނެދަލެންޑްސް ނިކުންނާނީ އިންގްލެންޑްއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުކުން

    ކުރިޔަށް ހުރި މެޗުތަކަށާއި ޓީމުތަކުގެ ނެޓް ރަންރޭޓްތަކަށް ބަލާއިރު، ސެމީއަށް ދިޔުމުގެ ފުރުޞަތު އަފްޣާނިސްތާނަކަށް ވަރަށް ކުޑަ. މިހާރު 4،3،2،1 ވަނައިގައި އޮތް 4 ޓީމު ސެމީގައި ވާދަކުރާނެކަން ގާތްގަނޑަކަށް ޔަޤީން.