މިދިޔަ ނޮވެމްބަރު މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 429 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސްއިން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްއިން ވިދާޅުވީ، ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީއައިއެފް އަގު 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު ހަތަރު އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ފެބްރުއަރީ މަހު މި އަދަދުވަނީ 4.4 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ނަމަވެސް ފާއިތުވި ފެބްރުއަރީ މަހު ދައުލަތަށް ލިބުނު އާމްދަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު، 30 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ކަސްޓަމްސްއިން ވިދާޅުވެފައި ވެއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 297 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ފެބްރުއަރީ މަހު ދައުލަތަށް އާންމަދީގެ ގޮތުގައި ލިބިފައިވަނީ 208 މިލިއަން ރުފިޔާއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އިންޑިއާ، އޮމާން، ޔޫއޭއީ، ޗައިނާ އަދި ސިންގަޕޫރެވެ. އިންޑިއާއިން 606 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާން އިން 657 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

އޭގެ އިތުރުން ޔޫއޭއީ އިން 579 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ޗައިނާ އިން 578 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 403 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.