ރަންބޮލި މަހާސަމާގެ ފަރާތުން ޖުލައި 26 ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ނައިޓް މާކެޓްއާ ދިމާކޮށް ރަންބޮލިން ވަރަށް ޚާއްސަ ޕްރޮމޯޝަން ތަކެއް ފަށައިފިއެވެ.

މި ނައިޓް މާކެޓަކީ ރާއްޖޭގައި ބާއްވާ ނައިޓް މާކެޓް ތަކާ "ތަފާތު" ނައިޓް މާކެޓަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދަން ހަމަޖައްސާ ޕްރޮމޯޝަންތައް ފެއްޓުމުގެ ގޮތުން ރަންބޮލިން ވަނީ ނައިޓް މާކެޓްއިން ސްޓޯލް ނަންގަވާ ފަރާތްތަކުގެ މެދުގައި ލަކީޑްރޯއެއް ނަގަން ނިންމާފައެވެ.

މި ލަކީޑްރޯއިން ގުރުއަތުން ހޮވޭ ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ބޭނުން ކޮންމެ މަންޒިލަކަށް ދަތުރުކުރުމުގެ ދެ ޓިކެޓެވެ. މި އަޕް އެންޑް ޑައުން ޓިކެޓަކީ ނަސީބުވެރި ފަރާތަށް 1 އަހަރުގެ މުއްދަތެއްގެ ތެރޭގައި އެއްފަހަރު ބޭނުން ކުރެވޭނެ ޓިކެޓެކެވެ. އަދި މި ޓިކެޓް ބޭނުން ކޮށްގެން ދަތުރު ކުރަން ބޭނުންވާ މަންޒިލަށް ދަތުރު ކުރާނެ ތާރީޚެއް ވެސް ނިންމާނީ ނަސީބުވެރި ފަރާތުންނެވެ.

ޖުލައި 26 އާ ދިމާކޮށް ރަންބޮލިން މި ބާއްވަ ނައިޓް މާކެޓް ހިނގަމުން ދާއިރުވެސް ވިޔަފާރިވެރިންނަށާއި އެ ތަނުން ވިޔަފާރިކުރާ ފަރާތްތަކަށް ތަފާތު ބޮޑެތި އިނާމްތަކެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެކަން އިންތިޒާމު ކުރައްވާ ފަރާތުން ވަނީ މައުލޫމާތު ދެއްވާފައެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، ރަންބޮލި މަހާސަމާގެ އިވެންޓް މެނޭޖަރ ސަފޫހު އަޙުމަދު ފަހުމީ ވިދާޅުވީ، މިއީ މިނިވަން ދުވަހާ ދިމާކޮށް ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބާއްވާ މި ނައިޓްމާކެޓެއް ކަމަށާއި، މި ނައިޓްމާކެޓަކީ ރާއްޖޭގައި އާންމުކޮށް ބާއްވާ ނައިޓްމާކެޓްތަކާއި ތަފާތުކޮށް ހުރިހާކަމެއް ވެސް އިންތިޒާމް ކުރެވިގެންދާނެ ނައިޓްމާކެޓެއް ކަމަށެވެ.

ސްޓޯލެއް ވިއްކުމަށް ހަމަޖެހިފައިވަނީ 6500 ރުފިޔާ އަށެވެ.