މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރިޒޯޓުތަކުގެ އޮކިއުފެންސީ ރޭޓު ހުރިވަރާ އަޅާ ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު އޮކިއުޕެންސީ ރޭޓު އިތުރު ވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން ނެރުނު ފެބްރުއަރީ މަހުުގެ އިގްތިސާދީ ރިވިއުގައި ވާގޮތުން 2017 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ރިޒޯޓުތަކުގެ އޮކިއުޕެންސީ ރޭޓު ހުރީ 84 ޕަސެންޓު ގައެވެ. ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހު އެ އަދަދު ވަނީ 85 ޕަސެންޓަށް އިތުރުވެފައެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި މިކަމުގެ ސަބަބަކީ ރިސޯޓުތަކުގައި ބޭނުންކުރެވެން ހުރި އެނދުގެ އަދަދު 12 ޕަސެންޓަށް އިތުރުވި ނަމަވެސް، ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދު އިތުރުވެގެން ދިޔުމެވެ.

އިގްތިސާދީ ރިިވިއުއިން ދައްކާ ގޮތުން އެ މުއްދަތުގެ ތެރޭގައި ރިސޯޓުތަކުގައި ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދުވެސް 14 ޕަސެންޓަށް އިތުރުވެފައި ވެއެވެ.

މީގެ އިތުރުން ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ މުއްދަތަށް ބަލާއިރު، 2017 ވަނަ އަހަރުގެ ޖަނަވަރީ މަހު މި އަދަދު 6.5 ދުވަހުގައި ހުރިއިރު، ފާއިތުވި ޖަނަވަރީ މަހުގައިވެސް މި އަދަދު ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފެބްރުއަރީގެ ނިޔަލަށް ރާއްޖެއަށް 286،637 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.