އިންޑިއާގެ ލޯކޯސްޓް އެއާލައިނެއް ކަމަށްވާ ގޯ އެއާގެ ދަތުރުތައް މިއަދު ރާއްޖެއަށް ފަށައިފިއެވެ.

މިއަދު މި ދަތުރުތައް ފެށިއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މިދިޔަ އަހަރުގެ ފަތުރުވެރިކަމުގެ ސީޒަނާ ދިމާކޮށްވެސް ގޯ އެއާއިން ވަނީ ރާއްޖެއަށް ދަތުރުތައް ބާއްވައިފައި ވެއެވެ.

އިންޑިއާގެ މުމްބާއީ އާއި ނިއުދިއްލީ އަދި ބެންގަލޫރު އިން ރާއްޖެ އަށް ގޯ އެއާގެ ދަތުރުތައް ފެށިއިރު، އިންޑިއާގެ ފަތުރުވެރިން ރާއްޖެ އަށް ޒިއާރަތް ކުރުން ވަނީ ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ގޯ އެއާގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމާއެކު، އިންޑިއާގެ ފަތުރުވެރިން ރާއްޖެ އައުން އިތުރުވެގެން ދާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.

2005 ވަނަ އަހަރު ވުޖޫދަށް އައި ގޯއެއާއިން އިންޓަނޭޝަނަލް ދަތުރުތައް ފަށާފައި މި ވަނީ މިދިޔަ އަހަރު ތެރޭގައެވެ. އަދި އިންޓަނޭޝަނަލް ދަތުރުތައް ފެށި ފުރަތަމަ ގައުމުތެރޭގައި ރާއްޖެ ހިމެނެއެވެ.