މަހުގެ އުފެއްދުންތަކުގެ ވިޔަފާރި ކުރާ އެންސިސް ފިޝަރީޒްގެ ޕްރައިވެޓް ލިމިޓެޑްގެ އެންސިސް ދަޅުމަސް ފެކްޓަރީ އާއި އައިސްޕްލާންޓް ހުޅުމާލޭގައި މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެންސިސް ފެކްޓަރީ ހުޅުއްވައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ. ރައީސްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ސަރުކާރުގެ އިސްފަރާތްތަކުން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަލްފާޞިލާ ޒަހާ ވަހީދު ވިދާޅުވީ، މީގެ 22 އަހަރުކުރިން މަސްވެރިކަމުގެ ބޮޑު ކަންނެލިގެ ވިޔަފާރިއަށް ނިކުމެ ދިމާވި ގޮންޖެހުންތަކަށް ނުބަލައި، ފަސްޖެހުމެއް ނެތި ކުންފުނި ވިޔަފާރި ފުޅާކޮށް މަސްބަނދުކުރާ ކާރުހާނާއަކާއި ހަމައަށް ދެވޭނެ ހިތްވަރާއި މިންނަތުން ކަން ފާހަގަ ކުރެއްވިއެވެ. އަދި މިކަމަށް މިނިސްޓަރ ވަނީ ކުންފުނީގެ މެނޭޖްމެންޓަށް ޝުކުރު ދަންނަވާފައެވެ.

ޒަހާ ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތުގެ އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރިކަމުގެ ސިނާއަށް އިތުރަށް ހުޅުވާލައި މަސްވެރިކަމުގެ އާ އިންވެސްޓްމެންޓްތައް އިތުރު ކުރުން ކަމަށާއި އެކަމުގެ މިސާލެއްގެ ގޮތުން މިއަދު ހުޅުވިގެންދިޔަ ކާރު ހާނާވާނެ ކަމަށް ޒަހާ ވިދާޅުވިއެވެ.

މިއަދު ހުޅުމާލޭގައި ހުޅުވި ފެކްޓަރީއަކީ މީގެ 4 އަހަރު ކުރިން، 2015 ގައި ބިންގާ އަޅާފައިވާ ކާރުހާނާ އެކެވެ. މި ފެކްޓަރީއަކީ މާލެ ސަރަހައްދުގައި ގާއިމު ކޮށްފައިވާ ހަމަ އެކަނި ކާރުހާނާއެވެ. ދުވާލެއްގެ މައްޗަށް 25 ޓަނުގެ ދަޅުގައިމަސް ބަންދުކުރެވޭ ގޮތަށް ތަރައްގީ ކޮށްފައިވާ މި ފެކްޓްރީއަކީ މިހާތަނަށް އެންސިސް ކުންފުނިން ކޮށްފައިވާ އެންމެ ބޮޑު އިންވެސްޓްމެންޓްއެވެ. މި ޕްރޮޖެކްޓްއަށް މުޅިއަކު 25 މިލިއަން ޑޮލަރު ހަރަދުކޮށްފައި ވެއެެވެ.

އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުވުމަށް ތައްޔާރުވަމުން ގެންދާ މަސް ފެކްޓަރީއާއި އެކު ޖުމްލަ 400 އަށްވުރެގިނަ ވަޒީފާގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި 175 ވަޒީފާއަކީ އަންހެނުންނަށް ހާއްސަ ކުރެވިފައިވާ ވަޒީފާތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލަދު

    "ޒަހާ ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތުގެ އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރިކަމުގެ ސިނާއަށް އިތުރަށް ހުޅުވާލައި މަސްވެރިކަމުގެ އާ އިންވެސްޓްމެންޓްތައް އިތުރު ކުރުން ކަމަށާއި އެކަމުގެ މިސާލެއްގެ ގޮތުން މިއަދު ހުޅުވިގެންދިޔަ ކާރު ހާނާވާނެ ކަމަށް ޒަހާ ވިދާޅުވިއެވެ". 2015 ވަނަ އަހަރު ރައީސް ޔާމީން ފައްޓަވައިދެއްވި އަގުހުރި މަސައްކަތަޕުޅެއް. މި މަސައްކަތުގެ ރީތި ނަން ހޯދަން އުޅޭނެކަމެއް ނެތް. މިއީ ލަދެއް ވެސް އޮންނަ ބައެއްނޫން. ރައްޔިތުންނަށް އޮޅުއެއް ނުލެވޭނެ. ޝުކުރިއްޔާ ރައީސް ޔާމީން.

    12
    2
  2. ޖަންޖާ

    ތާޖް އަޅަން ލަދެއްނުގަނޭތަ އަލެ ކަލޭމެންގެ ލަދުހަޔާތް ކޮބާތަ

    3
    1