މިދިޔަ ޑިސެންބަރު މަހު ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ އަދަދު އިތުރުވެއްޖެ އެވެ.

ކަސްޓަމްސް އިން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޑިސެންބަރު މަހު ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލުގެ އެފްއޯބީ އަގު އޭގެ ކުރީއަހަރާއި އަޅަބަލާއިރު، ވަނީ އިތުރުވެފައެވެ. އެގޮތުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލުގެ އެފްއޯބީ އަގު އުޅެނީ 425 މިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރުމަހު މިއަދަދު އުޅެނީ 459 މިލިއަން ރުފިޔާގައެވެ. މިއީ 8 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ މަހު ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓް ކޮށްފައި ވަނީ ތައިލެންޑަށެވެ. ދެން އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓުކޮށްފައިވަނީ ޖަރުމަންވިލާތަށެވެ. ތިންވަނައަށް އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓުކޮށްފައިވަނީ އިންޑިއާއަށެވެ.

އެހެން ނަމަވެސް ފާއިތުވި ޑިސެމްބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހާ އަޅާބަލާއިރު 40 އިންސައްތަ ވަނީ ދަށްވެފައެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޑިސެމްބަރ މަހު މި ޢަދަދުވަނީ 2.6 ބިލިއަން ރުފިޔާ އަށް ދަށްވެފައެވެ. .

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ، އޫ.އޭ.އީ އަދި އިންޑިއާއެވެ. ޗައިނާ އަދި ޔޫ.އޭ.އީ އިން 408 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 360 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ. ވޭތުވެދިޔަ ޑިސެމްބަރ މަހު އަގުގެގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި އަދި އެކްސްޕޯޓްކުރި ޤައުމުތަކުގެ ލިސްޓްގެ އިތުރުން ޕްރޮސެސް ކުރެވުނު ޑިކްލަރޭޝަންގެ އަދަދާ ކްލިއަރަންސް ދެވުނު އުޅަނދުފަހަރުތަކުގެ ތަފާސް ހިސާބު ތާވަލު ތިރީގައި އެވަނީއެވެ.