މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފިއެވެ.

"މީޑިއާ ފެމިލިއަރައިޒޭޝަން ޓްރިޕް" ގެ ނަމުގައި އެމްއެމްޕީއާރުސީ އިން ފެށި ޕްރޮގްރާމް އަލުން ފެށުމުގެ ގޮތުން އެކުންފުނިން ވަނީ މެދުއިރުމަތީގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ ގެނެސްފައެވެ. މި ޓީމުގައި މެދުއިރުމަތީގެ މަޖައްލާތައް ކަމަށްވާ "ސެވިއޯ ފްލެއާ" އާއި "ދަ ނޭޝަނަލް" އަދި "މިލޭނިއަމް މިލިއެނާ" އާއި "ފެކްޓް އަބުދާބީ"ގެ ނޫސްވެރިން ހިމެނެއެވެ.

މި މީޑިއާ ޓީމުގައި ހިމެނޭ ނޫސްވެރިން ތިބެން ހަމަޖެހިފައިވަނީ ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓާއި ޝެރަޓަން މޯލްޑިވްސް، ފުލްމޫން ރިސޯޓުގައެވެ. ހަ ދުވަހުގެ މުއްދަތަކަށް މި ޓީމު ރާއްޖޭގައި ތިބޭއިރު އެ މުއްދަތުގައި އެ މީހުންނަށް މި ރިސޯޓުތަކުގައި ހުރި ހުރިހާ ހަރަކާތްތަކެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެމްއެމްޕީއާރުސީއިން ވިދާޅުވިއެވެ.ލ

މި ހަރަކާތާއެކު މެދު އިރުމަތީގެ 3.7 މިލިއަން މީހުންނަށް ރާއްޖެ އިޝްތިހާރު ވެގެންދާނެ ކަމަށް އެމްއެމްޕީއާރުސީއިން ލަފާކޮށްފައިވެއެވެ.

މީގެ އިތުރުން އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރަން އެ ގައުމުގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި ކަމަށްވާ ތޯމަސް ކުކް އިންޑިއާއާ އެކު އެމްއެމްޕީއާރުސީން ކެމްޕޭނެއްވެސް ވަނީ ފަށައިފައެވެ.

އެމްއެމްޕީއާރުސީއިން ވިދާޅުވި ގޮތުގައި މި ކެމްޕޭނުގެ ދަށުން އިންޑިއާގެ ޓޫރިސްޓުން ރާއްޖެ އައުމަށް ޝައުގުވެރިކުރުވަން އެކި ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

މި ސަރުކާރުގެ ނިމި ދިޔަ ދެ އަހަރުގައި ރާއްޖޭއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި އެއް ގައުމަކީ އިންޑިއާއެވެ. އެގައުމާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން މި ދެ އަހަރު ތެރޭގައި ވަރަށް ބޮޑަށް ބަދަހި ވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކުރީ ސަރުކާރުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައި ވަނީ ޗައިނާއިންނެވެ. ނަމަވެސް ޗައިނާގެ މާކެޓް މިހާރު ވަރަށް ބޮޑަށް ހީނަރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.