ރާއްޖޭގައި ވެކްސިން ޓޫރިޒަމް ތައާރަފް ކުރުމުގެ ވިސްނުން އެބަ ހުރިކަން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ވެކްސިންދޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިސްތިހާރު ކުރުމުގެ ވިސްނުން ގެންގުޅުއްވަނީ "ވިޒިޓް، ވެކްސިން، ވެކޭޝަން" ގެ ޓެގްލައިންއެއް ބޭނުންކޮށްގެން ކަމަށެވެ.

ފަތުރުވެރިންނަށް ވެކްސިން ދިނުމުގައި ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވައި މައުސޫމް ވިދާޅުވީ ސަރުކާރުގެ މިވަގުތުގެ ސިޔާސަތަކީ ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ފުރަތަމަ ވެކްސިން ފޯރުކޮށްދިނުން ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިކުރުމަށް ވެކްސިން ދިނުމަށް ރާއްޖޭގައި ހިންގާ ހަރަކާތާއި އެކު، ރާއްޖެ ވާނީ މުޅި ދުނިޔޭގައި ވެސް ފަތުރުވެރިންނަށް އެންމެ ރައްކާތެރި މަންޒިލަށް ކަމަށްވެސް މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ މިހާރު ވެސް ރާއްޖޭގައި ވެކްސިން ދޭން ފެށުމުން އެކަމަށް ބައިނަލްއަގްވާމީ ސަމާލުކަން ލިބިފައިވާ ކަމަށެވެ. އަދި އާއްމުންނަށް ވެކްސިން ދިނުމުގައި ސަރުކާރުން އަމަލުކުރަމުންދާ ހަރުދަނާ ސިޔާސަތާއި، ވެކްސިން ދިނުމަށް ދިވެހިންގެ ފަރާތުން ލިބޭ ތަރުހީބުގެ ސަބަބުން ރާއްޖެއަކީ މުޅި އާބާދީ އަށް ވެކްސިން ދެވޭ ފުރަތަމަ ގައުމަށް ވުމުގެ އުންމީދު ވަރަށް ބޮޑު ކަމަށް މައުސޫމް ވިދާޅުވިއެވެ.

އެެެހެންކަމުން ވެކްސިނާއެކު ރާއްޖޭގެ ރައްކާތެރިކަން އިތުރުވާނެ ކަމުގެ މެސެޖަކީ ބޭރު ދުނިޔެ އަށް މިވަގުތު ދޭން ބޭނުންވާ މެސެޖު ކަމަށާއި، މިހާރު ވެސް ބޭރު ދުނިޔޭގައި މީޑިއާތަކުގައި އެ ވާހަކަ ލިޔަމުންދާކަން ޑރ. މައުސޫމް ވަނީ ފާހަގަ ކުރައްވައިފައެވެ.

" އޭގެ ޒާތުގައި މިހާރު ވެސް ރާއްޖެއަކީ އެންމެ ރައްކާތެރި އެއް މަންޒިލް. ދެން މި ވެކްސިނުގެ ކަންތައް މިހާރު މިދާ ގޮތަށް ފުރިހަމަ ވީމަ މުޅި ދުނިޔޭގައި ވެސް އެންމެ ސަލާމަތާއި ރައްކާތެރި ގައުމަށް ދިވެހިރާއްޖެ ބަދަލުވެގެން ދާނެ،" މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ ރާއްޖޭގައި ވެކްސިން ދޭން ފެށުމުން އިތުރު ފަތުރުވެރިން އަންނާނެ ކަމަށެވެ. އެހެންކަމުން މިހާރު އަންދާޒާކުރާ ގޮތުން މި އަހަރު ރާއްޖެ އަށް 1.5 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މި އަހަރުގެ ޖެނުއަރީ އާއި ފެބްރުއަރީ މަހު ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާ ކުރި ވަރަކަށް ނާންނަ ކަމަށާއި އޭގެ ސަބަބަކީ ކޮވިޑްގެ ހާލަތު ގޯސްވެ ޔޫރަޕްގެ ގައުމުތައް އަކުން ބަންދުވުމުން ކަމަށް ވެސް މައުސޫމް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަރޭ

    މިގައުމަކީ ޓޫރިސްޓުންނަށް ބަރޫސާ ވެފަ ވާ ގައުމަކަށްވާހިދު އަންނަޓޫރިސްޓުންނަށް ޔޫރަފު ހުއްދަ ކުރާ ވެކުސިނެއް ކުޑައަގެއްގަ ނަމަވެސް ދޭ ގޮތަށް އިސްތިހާރު ކުރަން ލަސް ވެއްޖެ،

    2
    1
  2. ހުސޭނުބޭ

    އަމައްޔާތް! ހީވަނީ ވެކްސިނަކީ މީނަ ގޯތި ބަދިގޭގައި ފިހާ އެއްޗެއްހެން ވިއްޔާ!

  3. ވެކްސިންމާގިރި

    މިނިސްޓްރީގެ ނަން ވެކްސިން މިނިސްޓްރީއަށް ބަދަލުކުރަން ފެނޭ! އެއީ އެމިނިސްޓްރީން ވެކްސިން އުފައްދަން މާގިރި ހޮޓަލުގައި ކުރި މަސައްކަތަށް ހިއްވަރު ދިނުމުގެ ގޮތުން...

  4. ޖުޖު

    ވެކްސިން ޓްވަރިޒަމޭ ؟؟؟
    އެއިގެ ހޮސްޕިޓާލިޓީ އިންޑަސްޓްރީގައި ބޭނުންކުރާ ނަމަކީ މެޑިކަލް ޓްވަރިޒަމް. އެއިގެ ދަށުން ޚާއްސަކަމެއް ގޮތުގައި ވެކްސިންދޭ ވާހަކަދެއްކިނަމަ އިންޑަސްޓްރީއާއި ބީރައްޓެހި ވާހަކައެއް ދައްކާހެން ހިއެއްނުވާނެ.