ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްޤީ ކޮށްދޭނެ އިންވެސްޓަރަކު ހޯދުމަށް އިކޮނަމިކް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

އިކޮނަމިކް މިނިސްޓްރީން ވަނީ އުތުރުގައި ބައިނަލްއަޤްވާމީ ކޮންޓެއިނަރ ޓްރާންޝިޕްމަންޓް ބަނދަރެއް ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ އުޞޫލުން ތަރައްޤީކުރުމަށްޓަކައި މިކަމަށް ޝައުގެވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

އިކޮނަމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ރާވާފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނަރ ބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން ލިބިފައިވާ ޒަމާނީ ޓްރާންޝިޕްމެންޓް ބަނދަރެއްގެ ގޮތުގައެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 900 މީޓަރުގެ މަގަތުފާލަމެއް ޤާއިމްކުރުމަށް ރާވާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. އަމާޒު ހިފާފައި ވަނީ އަހަރަކު 1.8 މިލިޔަން ކޮންޓެއިނަރު ހެންޑްލް ކުރުމުގެ ކެޕޭސިޓީ ބަނދަރުގައި ގާއިމު ކުރުމަށެވެ، މި މަޝްރޫއުއަށް 466 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓް ބޭނުންވާ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ.

އިކޮނަމިކް މިނިސްޓްރީގެ ބަޔާނުގައި ވަނީ ޓްރާންޝިޕްމެންޓް ބަނދަރު ތަރައްޤީކުރުމަށް ރޭވިފައިވާ އިހަވަންދިއްޕޮޅަކީ ދުނިޔޭގެ އިރުމަތީ ބިތުން ފެށިގެން ހުޅަނގަށް ބޯޓުފަހަރު ދަތުރުކުރާ މައިގަނޑު ޝިޕިން ރޫޓްތަކާއި ވަރަށް ކައިރި ސަރަޙައްދެއްކަން ފާހަގަ ކޮށްފައެވެ،

އެހެންކަމުން މި ސަރަޙައްދަކީ މިފަދަ ބަނދަރެއް ޤާއިމްކުރުމަށް އެކަށީގެންވާ ސަރަޙައްދެއްކަމުގައި މިކަމާ ގުޅޭގޮތުން ކޮށްފައިވާ ދިރާސާތަކުން ދައްކާކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އިކޮނަމިކް މިނިސްޓްރީން ބުނީ މަޝްރޫޢުއަކީ ދުނިޔޭގެ ބޮޑެތި ކޮންޓެއިނަރ ޓަރމިނަލް އޮޕަރޭޓަރުންނާއި ޝިޕިން ލައިންތަކުން ދެކުނު އޭޝިއާ ސަރަޙައްދުގައި އެ ފަރާތްތަކުގެ އޮޕަރޭޝަންތައް ފުޅާކުރުމަށާއި މި ސަރަހައްދުގެ އެހެނިހެން ޓްރާންޝިޕްމަންޓް ބަނދަރުތަކާ ވާދަކުރުމަށް ހުޅުވިގެންދާ ފުރުޞަތެއްކަމަށެވެ.

މި މަޝްރޫއު ކާމިޔާބުކަމާއެކީ ތަންފީޒްކުރެވިއްޖެނަމަ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމަށާއި އިޤްތިޞާދީ ތަރައްޤީ ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ ވަރުގަދަ ހަބެއް ޤާއިމްކުރެވިގެންދާނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. މީގެ އިތުރަށް ތަފާތު އެހެނިހެން ސިނާއަތްތައް ފުޅާކުރުމަށް ފުރުޞަތު ހުޅުވި އެތައް ދިވެހިންނަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދާނެތީވެ މިމަޝްރޫއު ކުރިއަށް ގެންދިޔުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށް ވެސް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހިޔާލު

    ޝުކުރިއްޔާ ރ ޔާ މީން

  2. ހުސޭނުބޭ

    ބޭންކަށް ލާފައިހުރި ޑޮލަރުކޮޅު ފޭރޭ މީހުންނަށް އެޅޭނެ ބަނދަރެއް ނެތް!

  3. މާރިޔާ

    ތިޔަ ހުރިހާ ކަމެއް މިވެރިކަމުގަ ކުރާނެ ސައްކެއްނެތް.

    1
    4
  4. އިންތިހާބީއުތުރުކަޑަ

    ކޮންމެ އިންތިޚާބަކަށް ތިލަވާ ޕޯޓެއް ތިޔައީ.. މިހާރު ތިޔަވާހަކަ ޤަބޫލު ކުރާ ރައްޔިތަކު ނޫޅޭނެ އިހަވަންދިއްޕޮޅަކުވެސް އުތުރަކުވެސް.. ކޮންމެވެސް އެހެން ވާހަކައެއް ދައްކަބަލަ ޕްލީސް.. ދެރައީ ހަމަ އިންތިހާބު ދުވަސް ކޮޅަށޭ ތިޔަ ޕޯޓު އަންނަނީ އޭގެ ފަހުން ބަހަބަރު.. ކޮންމެ ސަރުކާރެއްއޮތަސް ހާލަކީ މިއީ.. ވަކި މިސަރުކާރެއް ނޫން.. 1990 އިންފެށިގެން ތިޔަ ކަމުގަ.. ޔާމީނު ދެއްކި ކުރެހުންތައް އަދި މާގިނަ.. ތިޔަ ވާހަކަ އިވި އިވި އެއްގޯސްވެފަ ތިބީ ތިޔައީ ހޮޅި ވާހަކަ އިންތިހާބީ ކަޑަ..

  5. ސިޔާސަތު

    ލާހިކެއްނުން އަޅާކައް. ވޯޓް ސްޓަންޓެއް.

  6. ގައުމީ ލޯބި

    ރަން އިލޮށީން ކަދުރު ކާންދޭނަމޭ.. މަށަށް ވޯޓު ދެއްޗޭ!

    ފްލޯޓިންގ އައިލެންޑް، ސޯލާ ފާރމް، ޓްރާންސިޓް ބަނދަރު.. ޖީބަށް ޕައުންޑު.. މިހެންގޮސް ނުކިޔާކަށް އެއްޗެއް ނެތެއް ނޫންތޯ

    ވީކަމެއް ހަރާމް ހައްތަހާވެސް ވައުދާއި އަހުދު.. އެވެސް އެޓަރނީޖެނެރަލް (ދައުލަތުގެ ވަކީ) ބުނާގޮތުން ފުއްދަން ޖެހޭ އެއްޗެއް ނޫނޭ.. ހަމަ އެކަނި މީހުން އެކަމަށް އެދޭވަރު ބަލާލަން ކުރާކަމެކޯލަ..

    ވޯޓާއި ހެދި މަރު.. ބަދަލުގެ ނަމުގައި ދައުލަތުގެ ޓެކްސްފައިސާ އާޢި ޕްރޮޖެކްޓް އަދި ބޮޑެތި މަޤާމުތައް ވަކިބަޔަކަށް
    ރައްޔަތުންނަށް އޮތީ ހަނާވުން.. ވޯޓު ދިނުން.. ދަރަންޏަށް ނަގާފަ ވެސް މާލޭގެ ބޮޑުން އައިމަ ކުކުޅު ކާންދިނުން..
    ދިވެހީން ހަމަ އެހާ ގަމާރީބާ.. ތަކުރާރުކޮށް އަހަރުމެން ލޯކުރިމަތީން މަކަރު ހެދެނީ..
    މީ ވާ ވަރުގަދަ ބަޔެއް.. މަވާ ސަލާމް

  7. މަބޭ

    އިންތިހާބު ބީމަތިވާއިރައް ހާދަހާވާކުރެހުނެކޭ ސަރުކާރުން ތިޔަނެރެނީ

  8. އާމިނާ

    މިއަށް ކިޔާ ނަމަކީ އިންތިޚާބަށް ކުލަޖެހުން. ރައްޔިތުން ސާބިތުކަމާއެކު މިމީހުންނަށް ނޫނެކޭ ބުނުމުގެ ހިތްވަރު ބަހައްޓާތި!

  9. ދާއިމު

    އިންތިޚާބާދިމާކޮށް ކަނޑެއް ހިއްކަން ބަޔަކާ ޙަވާލެއް ނުކުރޭތަ؟ ޕަކާސް

  10. އަފިރިން

    ތި ވިންކުރިކަމަށް ވާނީ އިންޑިއާއިން، ކީއްކުރަން އިއުލާންކުރަނީ

  11. ރފ

    އިންޑިޔާ ބަޔަކައް ދީނިމިފާއިނީ ދޮގުނުހަދާ މިބުނީ

  12. ހިތާމަ

    ތިތަން ހަދަން އިންޑިއާއިން އޮތީ އެއްބަސްވެ ނިމިފަ. ކޮންކަމަކު ކުރާ އިއުލާނެއް. ކުރިންވެސް އެމީހުންގެ ނޮހޮރުއްޕާނާހެދި އެކަން ނުވެއޮތީ