މާލޭގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ "އިހްސާން" އިން ކޮސްމްޓިކްސްއާއި ގެއަށް ބޭނުންވާ ސާމާނުތަކަށް ހާއްސަ ބޮޑު ފިހާރައެެއް ހުޅުވައިފިއެވެ.

"އިހްސާން ސްޕޮޓް"ގެ ނަމުގައި މާލޭގެ މުރަނގަ މަގުގައި ހުޅުވި މި ފިހާރައިގެ އެންމެ ތިރީ ފަންގިފިލާއިން އެތައް ވައްތަރެއްގެ، އެތައް ބްރޭންޑެއްގެ ކޮސްމެޓިކްސް ލިބެން ހުންނާނެއެވެ. އަދި ފުރަތަމަ ފަންގިފިލާއިން ގޭތެރެއަށް ބޭނުންވާ އެތައް ސާމާނެއް ލިބެން ހުންނާނެއެވެ.

އިހްސާން ކުންފުނިން ބުނީ، އިހްސާންގެ އެހެން ފިހާރަތަކެކޭ އެއްފަދައިން މި ފިހާރައިންވެސް އެތައް ބާވަތެއްގެ އެތައް ވައްތަރެއްގެ މުދާ ހެޔޮ އަގެއްގައި ލިބެން ހުންނާނެ ކަމަށެވެ.

އިހްސާން ސްޕޮޓް އިން ލިބެން ހުންނަ މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑްތަކަށް ބަލާއިރު، ޒުވާނުންނަށް ހާއްސަ ޑރ.ޓީލްސް، ކަންޓު ބްރޭންޑްގެ ހުރިހާ އެއްޗެއް ލިބެން ހުންނާނެއެވެ. އަދި އެކި ވައްތަރުގެ ޕާފިއުމް، ބޮޑީ ސްޕްރޭ، ބޮޑީ ވޮޝްވެސް ލިބެން ހުންނާނެއެވެ. އަދި މޭކަޕްގެ ސާމާނުތައްވެސް އެތަނުން ލިބެން ހުންނާނެ އެވެ.

އިހުސާން ކުންފުނިން ބުނީ، އެ ފިހާރަ ވެގެން ދާނީ މާލޭގައި ހަމައެކަނި ހުރި އެތައް ސަތޭކަ ވައްތަރެއްގެ އެކި ރޭންޖްގެ އެކި ބްރޭންޑްތަކުގެ ކޮސްމެޓިކްސް ލިބޭނެ ހަމައެކަނި ފިހާރައަށް ކަމަށެވެ. އެ ފިހާރައިން ލިބޭ ވަރަށް، ކޮސްމެޓިކްސް ހުންނަ ފިހާރައެއް މާލޭގައި ނުހުންނާނެ ކަމުގެ ޔަގީންކަން އެ ފިހާރައިން ދެއެވެ.

އޭގެ އިތުރުން، އެ ފިހާރައިން ތުއްތު ކުދިންނަށް ހާއްސަ ގިނަ ސާމާނުތައް އެތަނުން ލިބެން ހުންނާނެއެވެ. އަދި އެކި ވައްތަރުގެ ޑިޓާޖެންޓްވެސް އެ ފިހާރައިން ލިބެން ހުންނާނެއެވެ

އެ ފިހާރައިގެ މަތީ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ބަދިގެ އާއި ގޭތެރެއަށް ބޭނުންވާ ސާމާނުތަކަށެވެ.

މިއީ އިހްސާން ކުންފުނީގެ ހަ ވަނަ ފިހާރައެވެ. މީގެ ދުވަސްކޮޅެއް އިހްސާން ކުންފުނިން ވަނީ ވިލިމާލޭގައިވެސް ފިހާރައެއް ހުޅުވާފައެވެ. އަދި މިހާރު އެ ކުންފުނިން ގަސްތު ކުރަނީ ހުޅުމާލޭގައިވެސް އެ ކުންފުނީގެ ފިހާރައެއް ހުޅުވުމަށެވެ.

އިހްސާން ކުންފުންޏަކީ 1981 އިން ފެށިގެން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވާ ދިވެހިންގެ ތެރޭގައި މަޝްހޫރު ކުންފުންޏެކެވެ.