ނިމިގެން ދިޔަ ޖޫން މަހު މީރާއަށް 1.19 ބިލިއަން ރުފިޔާ ބަލައިގަންފިއެވެ.

މީރާއިން ބުނީ، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 326.2 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. އަދި މި އަހަރުގެ ޖޫން ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 3.2 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރުގެ ޖޫން މަހުގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، މިއަހަރުގެ ޖޫން މަހުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު ޖޫން ގައި މާލެ ފުރަބަންދުކޮށް، ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން، ފަތުރުވެރިކަމުގެ ދާއިރާ އަދި އެހެން ދާއިރާތަކަށް ލިބުނު ހީނަރުކަމުގެ ސަބަބުން އެއަހަރުގެ ޖޫން ގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުމެވެ.

އެގޮތުން، މިދިޔަ އަހަރުގެ ޖޫން ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިއަހަރުގެ ޖޫން ގައި އިންކަމް ޓެކްސް، ޖީ.އެސް.ޓީ، ގްރީން ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، އެއަރޕޯޓް ސަރވިސް ޗާޖް، އަދި ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައިވާ ކަމަށް މީރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ކޮވިޑް ފެތުރުން ހުއްޓުވުމުގެ ގޮތުން، ވަކި މުއްދަތަކަށް ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރުމަށް ނިންމައިފައިވާތީ، ޖޫން މަހުގެ ތެރޭގައި އައިސްފައިވާ ބައެއް ސުންގަޑިތައް ފަސްކުރެވެވިފައިވާކަމަށް ވެސް މީރާއިން ވަނީ ބުނެފައެވެ.

މި އަހަރުގެ ޖޫންގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 44.6 އިންސައްތަ ނުވަތަ 529.38 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 31.1 އިންސައްތަ ނުވަތަ 369.53 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 94.80 މިލިއަން ރުފިޔާ (8.0%)، ގްރީން ޓެކްސްގެ ގޮތުގައި 59.90 މިލިއަން ރުފިޔާ (5.0%)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 30.34 މިލިއަން ރުފިޔާ (2.6%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 102.64 މިލިއަން ރުފިޔާ (8.6%) ހިމެނޭ ކަމަށް މީރާއިން ބުނެފައިވެއެވެ.

މީރާއިން ބުނީ، މިއަހަރުގެ ޖޫން ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 54.98 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށެވެ.