ކަސްޓަމްސް ޢާއްމު ގަވާއިދުގެ ދަށުން ކަސްޓަމްސްގެ ވެބްސައިޓުގައި ޢާންމުކޮށްފައިވާ MCS-106 ޑިއުޓީ މަޢާފުކުރުމަށް އެދޭ ފޯމް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުށަހަޅަން ނުޖެހޭނެ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން މިރޭ ކުރި އިއުލާނެއްގައި ބުނީ އެފޯމަކީ އެކިއެކި މުއައްސަސާތަކުން ޑިއުޓީ މަޢާފުކޮށްދޭ މުދަލުގެ މައުލޫމާތު ފަސޭހަ ކަމާއިއެކު ކަސްޓަމްސް އަށް ހުށަހެޅުމަށްޓަކައި ތަޢާރަފްކުރެވިފައިވާ ފޯމެއް ކަމަށެވެ.

ނަމަވެސް ސަރުކާރުގެ އިދާރާއަކުން ޑިއުޓީ މަޢާފްކުރާ މުދަލުގެ މައުލޫމާތު ކަސްޓަމްސް އަށް ލިޔުމުން އަންގާތީއާއި، ޑިއުޓީ މަޢާފްކޮށް ސަރުކާރުގެ އިދާރާއިން ދޫކޮށްފައިވާ ސިޓީވެސް ކަސްޓަމްސްއަށް ހުށަހަޅަމުންދާތީ އާއި، މި ފޯމްގައި އެކުލެވޭ ހުރިހާ މައުލޫމާތަކީ ކަސްޓަމްސް ޑިކްލަރޭޝަން ހުށަހަޅާ މަރުޙަލާގައި "އަސިކުޑާ ވާރލްޑް" ޕްރޮގްރާމް މެދުވެރިކޮށް ކަސްޓަމްސްއަށް ޑިކްލެއާކުރާ މައުލޫމާތަށްވާތީ، ކަސްޓަމްސްއަށް ހުށަހަޅާ ލިޔެކިއުން މަދުކުރުމާއި ފޯރުކޮށްދޭ ޙިދުމަތް އަވަސްކުރުމުގެ ގޮތުން މިފޯމު ހުށަހަޅަންނުޖެހޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެހެންކަމުން ސެޕްޓެމްބަރ 15 ވަނަ ދުވަހުން ފެށިގެން، ޑިއުޓީ މަޢާފްކޮށްފައިވާ މުދަލަށް ޑިކްލަރޭޝަން ހުށަހަޅާއިރު (MCS-106) ފޯމް ކަސްޓަމްސް އަށް ހުށަހަޅަން ނުޖެހޭނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މިގޮތަށް ހަމަޖެއްސި ނަމަވެސް، އެކިއެކި އެއްބަސްވުންތަކުގެދަށުން ޑިއުޓީ މަޢާފްވާ މުދަލަށް، އެ އެއްބަސްވުމުގެ ޑިއުޓީ މަޢާފްވާ އާޓިކަލް/ކްލޯސް ނަންބަރު ނުވަތަ އެކި މުއައްސަސާތަކުން ޑިއުޓީ މަޢާފްކުރާ މުދަލަށް އެ މުއައްސަސާއަކުން ދީފައިވާ ސިޓީ ނަންބަރު "އަސިކުޑާ ވަރލްޑް" ގެ އެމައުލޫމާތު އެންޓަރކުރުމަށް ކަނޑައެޅިފައިވާ ގޮޅީގައި ބަޔާންކުރަންޖެހޭގޮތަށް ހަމަޖެހިފައިވާތީ، ޑިއުޓީ މަޢާފްވާ މުދަލަށް ގުޑްސް ޑިކްލަރޭޝަން ފުރިހަމަކުރާއިރު، އެމައުލޫމާތު އެންޓަރކުރެއްވުމަށް ސަމާލުކަން ދެއްވުމަށްވެސް ކަސްޓަމްސް އިން އެދެއެވެ.