ދައުލަތުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ތެޔޮ ވިއްކާ އަގު ބަދަލުކޮށް އަގުބޮޑުކޮށްފިއެވެ. ތެލުގެ އަގު އެސްޓީއޯއިން ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެންނެވެ.

އެސްޓީއޯއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑުތަކުން ދެން ޕެޓުރޯލު ލީޓަރެއް ވިއްކާނެ އަގަކީ 11.16 ރުފިޔާ ކަމަށެވެ. އަދި ޑީސަލް ލީޓަރެއްގެ އަގަކީ 11.84 ރުފިޔާ ކަމަށެވެ. މީގެ ކުރިން ޕެޓުރޯލު ލީޓަރެއް ވިއްކާފައިވަނީ 10.75 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުންދިޔައީ 10.95 ރުފިޔާއަށެވެ.

އެސްޓީއޯގެ ބަޔާނުގައި އެ ކުންފުނިން ބުނެފައިވަނީ ދުނިިޔޭގެ ބާޒާރުގައި ތެލުގެ އަގު ފާއިތުވި ހަތް އަހަރު ނުއުފުލޭ މިންވަރަށް އުފުލިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އެ ކުންފުންޏަށް ތެޔޮ ލިބޭ އަގުވެސް ބޮޑުވެފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ. އެހެންނަމަވެސް އެ ކުންފުނިން މަސައްކަތްކުރަނީ ވީހާވެސް ފަސޭހައިން އެ ކުންފުނީގެ ޚިދުމަތްހޯދާ ފަރާތްތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތްކުރުމަށް ކަމުގައިވެސް އެސްޓީއޯއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އިގްތިސޯދަށް ކުރިމަތިވި ގޮންޖެހުންތަކާއި އެކު ތެލުގެ އަގު ނެގެޓިވް އަށް ވެސް އޭޕްރީލް މަހު ދުނިޔޭގެ ބާޒާރުގައި ވެއްޓުނެވެ. އޭރު ތެޔޮ ވިއްކި ފަރާތްތަކުން ތެޔޮ ގަންނަ ފަރާތްތަކަށް ތެލާއި އެކު ފައިސާ ވެސް ދެމުން ގެންދިޔައެވެ. މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން އަންނަ އެއް ސަބަބަކީ ކޮވިޑާއި ގުޅިގެން ތެލަށް އޮތް ޑިމާންޑް ދަށްވުމަށްފަހު މިހާރު ޑިމާންޑް އިތުރުވަމުން ދިއުމެވެ.