މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ޒަމާނީކުރުމުގެ ގޮތުން، އެ ކުންފުނިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް "އޮރަކަލް ފިއުޝަން ކްލައުޑް އެންޓަޕްރައިސް ރިސޯސް ޕްލޭނިން" ސޮފްޓްވެއާ އީއާރްޕީ ބޭނުންކުރަން ނިންމައިފިއެވެ.

އެމްޕީއެލްއިން ބުނީ، އޮރަކަލްގެ އީއާރްޕީ ބޭނުންކުރުމަށް ފެށުމާއެކު، އެ ކުންފުނިން ދެމުންދާ ގިނަ ހިދުމަތްތަކެއް އޮޓޮމޭޓްކުރެވި، ވަގުތު ސަލާމަތްވެ، ހަރަދުގެ ގޮތުން ވެސް މި ކުންފުންޏަށް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

"އޮރަކަލްގެ ފެންވަރު ރަނގަޅު އީއާރްޕީ ސޮފްޓްވެއަރ ބޭނުންކުރުމަށް ފެށުމާއެކު، މި ކުންފުނިން މިހާރު މެނުއަލްކޮށް ދެމުންދާ ގިނަ ޚިދުމަތްތަކެއް މުޅިން އޮޓޮމޭޓްވެ، މި ކުންފުނިން ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ،" މި ކުންފުނީގެ ސީ.އީ.އޯ ޝާހިދު ޢަލީ ވިދާޅުވި އެވެ.

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ، "އޮރަކަލް" އަކީ ސޮފްޓްވެއަރ އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އޮރަކަލްގެ އީއާރްޕީ ސިސްޓަމްއަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ވަރަށް ގިނަ ކުންފުނިތަކުން ބޭނުންކުރަމުންދާ ސިސްޓަމެކެވެ.

އެމްޕީއެލްގެ އައިޓީ ޑިޕާޓްމަންޓްގެ ހެޑް، އާދަމް ޝިފާން ވިދާޅުވީ އޮރަކަލްގެ އީއާރްޕީއާއެކު، އެމް.ޕީ.އެލްގެ ޒަމާނީ ވިޔަފާރީގެ މާހައުލަކަށް، އެމް.ޕީ.އެލް އިން ފޯރުކޮށްދެމުންދާ ޚިދުމަތްތައް ބައްޓަންވެގެންދާނެ ކަމަށެވެ.

"މީގެ ކުރިން އަޅުގަނޑުމެން ބޭނުންކުރަމުންދިޔަ އީއާރްޕީ ސިސްޓަމްއަކީ ވަރަށް މެނުއަލްކޮށް ބޭނުންކުރަމުންދިޔަ ސިސްޓަމެއް. އަދި އެ ސިސްޓަމް މެއިންޓެއިންކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ. އަދި، އިތުރު ބަދަލެއް ގެންނަންޖެހުނަސް އެއީ އުނދަގޫކަމެއް،" ޝިފާން ވިދާޅުވި އެވެ. "އެކަމަކު އޮރަކަލް ސިސްޓަމްގައި، ކޮންމެ 90 ދުވަހަކުން އާ ފީޗާސްތައް އެބަލިބޭ. އެހެންކަމުން، މި ކުންފުނިން ފޯރުކޮށްދެމުންދާ ޚިދުމަތްތައް ޒަމާނީކުރެވޭނެ މި ސިސްޓަމާއެކު،"

އޮރަކަލްގެ ހެޑް އޮފް އެޕްލިކޭޝަންސް ސޭޖް (SAGEއަޙުމަދު ސަރްވާރް ވިދާޅުވީ އޮރަކަލްގެ އީއާރްޕީއާއެކު، އެމްޕީއެލްގެ އޮޕަރޭޝަންސްތައް ހަރުދަނާކުރެވޭނެ ކަމަށެވެ.

"އެމް.ޕީ.އެލް ޚިދުމަތްތައް ޑިޖިޓަލްކޮށް، ޒަމާނީކުރުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަކީ މި ކުންފުންޏަށް ވެސް ލިބޭ އުފަލެއް،" ސަރްވާރް ވިދާޅުވިއެވެ.

ޕޯޓްތަކާއެކު މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ އޮރަކަލްއާއެކު، އޮރެކަލް ފިއުޝަން ކްލައުޑް އީއާރްޕީ ސިސްޓަމް ލައިވް ކުރެވޭނެ ކަމަށް ލަފާ ކުރެވެނީ 2022 ވަނަ އަހަރުގެ ކުރީކޮޅެވެ.