ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" ގެ މިއަހަރުގެ ދުވުން ކާމިޔާބު ކަމާ ބާއްވައިފިއެވެ.

ބީއެމްއެލް އިން މިފަހަރުގެ ދުވުން ބާއްވާފައި ވަނީ މިއަދު ހެނދުނު ހުޅުމާލޭގައެވެ. މި ދުުވުމުގައި ހަތަރު އުމުރުފުރާއެއްގެ ޖުމްލަ 900 އަށް ވުރެ ގިިނަ މީހުން ބައިވެރިވިއެވެ.

މި ދުވުމާ ގުޅުވައިގެން ބީއެމްއެލްއިން ވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޕަރސަންސް ވިތް ޑިސަބިލިޓީސް (އެމްއޭޕީޑީ) އަށް 100،000 ރުފިޔާ ހަދިޔާކޮށްފައެވެ. މި ފައިސާ އެމްއޭޕީޑީ އާއި ހަވާލުކޮށްދެއްވީ ބޭންކުގެ ބޯޑުގެ ޗެއަރމަން ޔޫޝަޢު ސަޢީދު އާއި ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރ ސަހާ ވަޙީދު އެވެ.

އެމްއޭޕީޑީން މި ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާ އިން ހިންގަމުންދާ 'ހެލްތީ ޕީޑަބްލިއުޑީސް" ޕްރޮގްރާމް އަށެވެ. މި ޕްރޮގްރާމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފިޒިއޯ ތެރަޕީ ދިނުމާއި ބިހޭވިއަރ، ސްޕީޗް އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުމަށްވަނީ ހަމަޖެހިފައެވެ.

ބީއެމްއެލް ވައު ކިޑްޒް ރަން އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ޢާއިޝަތު ނޫރައްދީން ވަނީ އެފްޖީ އާ އެކު މި ދުވުން މިއަހަރަވުސް ވަރަށް ފުރިހަމަ ގޮތެއްގައި ބޭއްވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަން ފާހަގަކުރައްވާފައެވެ.

"މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި އަޅުގަނޑުމެން ބާއްވާ ހާއްސަ ހަރަކާތެއް. އަދި މި ފަހަރުގެ ދުވުމާ ގުޅުވައިގެން ބޭންކުން އެހީތެރިކަން ފޯރުކޮށްދެވޭ ޕްރޮގްރާމަކީވެސް މުޖުތަމައަށް ވަރަށް ވެސް ބޭނުންތެރި ޕްރޮގްރާމެއް." ޢާއިޝަތު ވިދާޅުވިއެެވެ.

އުމުރު ފުރާތަކާ ގުޅޭގޮތަށް މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ 1.3 ކިލޯ މީޓަރާއި 2 ކިލޯމީޓަރާއި 3 ކިލޯ މީޓަރު އަދި 4 ކިލޯ މީޓަރގެ ދިގުމިނަށެވެ. ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފައެވެ. ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ކޮންމެ އަހަރަކުވެސް ލިބޭ ދުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު