ތ.އަތޮޅު ފުނައްޑޫގެ ކާރުހާނާ ސަރުކާރުން ގަނެ، މިފްކޯގެ ދަށަށް ބަދަލު ކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހުސެން ރަޝީދު އެހެން ވިދާޅުވީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ލިޔުމުން ޖަވާބެއް ހޯއްދަވަން އެދި ވަޑައިގެން ކުރެއްވި ސުވާލަކަށް ލިޔުމުން ދެެއްވި ޖަވާބެއްގަ އެވެ. އެ ޖަވާބު މިއަދުގެ މަޖިލީހުގެ ތަޅުމުގައި އަމީން އާންމު ވަނީ އިއްވާފަ އެވެ.

ފުނައްޑޫ ތަރައްގީކޮށް އެރަށުގައި މަސްގަނެ އެކްސްޕޯޓް ކުރަން ފެށީ 2004 ވަނަ އަހަރު ކުރީގެ ހޯމް މިނިސްޓަރު ތަސްމީނުގެ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްއިންނެވެ.

ތަސްމީންގެ ހިއްސާ އޮތް ފުނައްޑޫ ބަނގުރޫޓް ވެފައި ވަނިކޮށް ސަރުކާރުން އެރަށް ގަތް އަގު ހާމަ ކޮށްފައެއް ނުވެއެވެ. ތަސްމީނަކީ ރައީސް ސޯލިހް ވެރިކަމަށް ގެންނަން މުހިއްމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭނާގެ އަނބިކަނބަލުން ވިސާމް އަކީ މިހާރު ރާއްޖެ އިން މެލޭޝިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. ތަސްމީންގެ ކޮއްކޮ ނާޝިޒް އަކީ އެމްޑީޕީއަށް ނިސްބަތްވާ ކިނބިދޫ ދާއިރާގެ މެންބަރެވެ.

މަސްގަތުމުގެ އޮޕަރޭޝަން ފުނައްޑޫން 2008 ވަނަ އަހަރު ވަނީ ހުއްޓާލާފަ އެވެ. އަދި އެރަށް ތަރައްގީކުރުމަށް ބޭއްކުން ނެގި ލޯނު ނުދެއްކުމުން ބޭންކުން އެރަށް ވިއްކާލަން އެތަށް ފަހަރަކު އިއުލާނުކުރި އެވެ.

މިނިސްޓަރު ޖަވާބުގައި ވިދާޅުވެފައިވަނީ ފުނައްޑޫގެ ކާރުހާނާގެ މަސައްކަތް ހުއްޓިފައިވާތީ އެތަނުން މަސްގަތުމުގެ މަސައްކަތް މިފްކޯ މެދުވެރިކޮށް އަލުން ފެށޭނެ ގޮތަށް ހަދައިދިނުމަށް ތިމަރަފުށީގެ މަސްވެރިންނާއި ވިޔަފާރިވެރިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައިވާ ކަމަށެވެ. މިފްކޯއަށް ފުނައްޑޫ ހިންގިދާނެތޯ ބަލަން ފީސިބިލިޓީ ސްޓަޑީއެއް ހަދައި އިކޮނޮމިކް ކައުންސިލަށް ހުށަހަޅަން ރައީސް އޮފީހުން އެންގި ކަމަށެވެ.

"އެ ފީސިބިލިޓީ ސްޓަޑީއަށް ފަހު މިނިސްޓްރީން ނިންމާފައި ވަނީ ފުނައްޑޫ ކާރުހާނާ ސަރުކާރަށް ގަތުމަށް. މިމަހުގެ ހަވަނަ ދުވަހު އެ މުއާމަލާތްކޮށް ފުނައްޑޫއާއި އެރަށުގެ އެންމެހާ މުދާތަށް މިފްކޯގެ ދަށަށް ވަނީ ބަދަލުކޮށްފައި." މިނިސްޓަރު ހުސެން ރަޝީދުގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެހި ދަރި

    މަސް ގަނެ ހިއްކުން ނޫން ކަމެއް ނެތީތަ މި ރާއްޖޭގައި؟ މަހެއް ނުކެވޭނެ.

  2. ާަމަރީ

    ރޮޒޭނާގެ ފިރިސޮރު އާއިލާއަށް ރަގަޅު ފައިސާކޮޅެއް ސަރުކާރުންދީފި..