ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައި ގުޅޭ ސަރަހައްދުގައި އޮންނަ ޗެނަލް ޕާކާ ދިމާލުގައި ތަރައްގީކުރަން ހުޅުވާލާފައިވާ އޯވާ ވޯޓާ ރެސްޓޯރަންޓުގެ އެކުއިޒިޝަން ފީގެ ގޮތުގައި 2.3 މިލިއަން ރުފިޔާ ހުށަހަޅައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ތަނަށް ބިޑް ކުރަން ފުރުސަތު ހުޅުވާލުމުން ހަތަރު ފަރާތަކުން ބީލަމުގައި ބައިވެރިވިއެވެ. އަދި އެކުއިޒިޝަން ފީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކާފައި ވަނީ މަޝްހޫރު ވިޔަފާރިވެރިޔާ އާމިރު މަންސޫރެވެ.

އެ ހަތަރު ފަރާތަކީ އާމިރް މަންސޫރު އިންވެސްޓްމަންޓްސް، ވިލާ ހަކަތަ، ހުއިވަނި އިންވެސްޓްމަންޓް އަދި ކަނޑޫފާ ޕްރައިވެޓް ލިމިޓެޑެވެ.

އެ ބީލަންތަކުގެ ތެރެއިން ކަނޑޫފާ ޕްރައިވެޓް ލިމިޓެޑްގެ ބިޑު ބާތިލްކޮށްފައިވެއެވެ. ދެން ތިބި ތިން ފަރާތުގެ ބިޑް ބަލައިގަތް އިރު، އެންމެ ބޮޑު ކުއްޔެއް ދޭން ހުށަހެޅީ ވިލާ ހަކަތައިންނެވެ.

ހުޅުމާލޭގައި އޯވާ ވޯޓާ ރެސްޓޯރަންޓެއް ހަދާނެ ބަޔަކު ހޯދުމަށް އެޗްޑީސީން އިއުލާންކުރީ މިދިޔަ ޖޫން މަހުގެ 19 ގައެވެ. އެޗްޑީސީން އޯވާވޯޓާ ރެސްޓޯރަންޓް ހެދުމަށް 10،519 އަކަފޫޓުގެ ސަރަހައްދެއް ކުއްޔަށް ދޭނެއެވެ.

އޯވާވޯޓާ ރެސްޓޯރަންޓެއް ހަދާނެ ބަޔަކު ހޯދުމަށް ހުޅުވާލިއިރު ވިޔަފާރި އުސޫލުން ކެފޭ ރެސްޓޯރަންޓް ހިންގުމާއި ސްވިމިންޕޫލާއި ކުޅިވަރު ފެސިލިޓީތަކުގެ ވިޔަފާރިކުރުމުގެ ތަޖުރިބާ ހުރި ކޮންމެ ފަރާތަކަށް ވެސް ބީލަން ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން ދިނެވެ.