ޓިކްޓޮކްގައި އެންމެ މަގްބޫލް ހަނީމޫން މަންޒިލަކަށް ރާއްޖެ ހޮވިއްޖެއެވެ.

ޓިކްޓޮކްގައި ރާއްޖެއަށް އެ ކާމިޔާބީ ލިބިފައި ވަނީ އިނގިރޭސި ވިލާތުގެ ލަގްޒަރީ ޓްރެވަލް ކުންފުންޏެއް ކަމަށްވާ ކުއޯނީން ޓިކްޓޮކްގައި އުޅޭ މީހުންގެ މެދުގައި ހިންގި ސާވޭއެއްގައެވެ. އެ ސާވޭގެ ނަތީޖާ ކަނޑައަޅާފައިވަނީ އެންމެ މަގުބޫލު ހަނީމޫން މަންޒިލް ދެނެގަތުމަށް 455 ހޭޝްޓެގެއްގެ ދަށުން ޕޯސްޓްކޮށްފައިވާ ވީޑިއޯތައް ބެލި މީހުންގެ އަދަދު ބަލައިގެންނެވެ.

ކުއޯނީންގެ އެ ސާވޭއިން ދައްކާ ގޮތުގައި އެންމެ މަގުބޫލު ހަނީމޫން މަންޒިލަކަށް ރާއްޖެ ވަނީ ހޮވިފައެވެ. އެއީ ރާއްޖޭގެ ވީޑިއޯ 3.5 މިލިއަން މީހުން ބަލާފައިވާތީއެވެ.

އެ ލިސްޓުގައި ދެވަނައަށް 3.3 މިލިއަނާއެކު ހޮވުނީ އިޓަލީއެވެ. ތިންވަނައަށް ހޮވުނީ އިންޑޮނޭޝިއާގެ ބާލީ އެވެ. އެއީ 2.3 މިލިއަން ވިއުވާސް އާއެކުގައެވެ. ހަތަރުވަނައަށް ހޮވިފައިވަނީ ގްރީސްއެވެ. އެ ގައުމަށް ލިބުނީ 1.2 މިލިއަން ވިއުސްއެވެ.

ރާއްޖެއަށް މީގެ ކުރިން ވެސް ވަނީ ދުނިޔޭގެ ފާހަގަކޮށްލެއްވޭ ގިނަ އެވޯޑްތަކެއް ލިބިފައެވެ. އެގޮތުން ލީޑިން ޑައިވް ޑެސްޓިނޭޝަންއާއި ލީޑިން ބީޗް ޑެސްޓިނޭ އެވޯޑު އަދި ލީޑިން ބީޗް ޑެސްޓިނޭޝަންގެ އެވޯޑް ހިމެނެއެވެ. އޭގެ އިތުރުން އެމްއެމްޕީއާރުސީން ވަނީ އިންޑިއަން އޯޝަން ލީޑިން ޓޫރިސްޓު ބޯޑުގެ އެވޯޑު ވެސް ކާމިޔާބު ކޮށްފައެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.27 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައި ވަނީ 949،605 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 34.3 އިންސައްތައިގެ ކުރިއެރުމެކެވެ.