ހުޅުމާލެ ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން ހަތަރު "އަރބަން ޝެކް" އަދި ހަތަރު "އަރބަން ކިއޮސްކް" ކުއްޔަށް ދޫކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"އަރބަން ޝެކް"ތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ރަށްވެހިންނާއި، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށެވެ. އަދި "އަރބަން ކިއޮސްކް"ތައް ފަރުމާ ކުރެވިފައިވަނީ ތައްޔާރީ ކާބޯތަކެތީގެ ވިޔަފާރިއަށް ހުޅުމާލޭގައި ދިރިއުޅޭ ފަރުދުންނާއި އަދި އެންމެ ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެންނެވެ.

މި ކިއޮސްކްތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައި ވަނީ ހުޅުމާލޭގެ ނެއިބަރހުޑް 6 އިން ލުއިކާނާ އަދި ބުއިންތައް ވިޔަފާރި އުސޫލުން ވިއްކުމަށްޓަކައިއެވެ.

މި ކިއޮސްކްތަކުގައި ފެން އަދި ކަރަންޓުގެ ހިދުމަތް ބޭނުންކުރެވޭނެއެެވެ. އަދި ކިއޮސްކް ހިންގާ ފަރާތްތަކުން ބޭނުންވެއްޖެ ހިނދެއްގައި ކަރަންޓާއި ފެން ބޭނުންކުރެވޭނެއެވެ. އެހެންނަމަވެސް މި ހިދުމަތްތައް ގުޅުމާއި ހިދުމަތުގެ އަގު ކުއްޔަށް ހިފާ ފަރާތުން ދައްކަން ޖެހޭއެވެ.

މި ކިއޮސްކްތަކުގައި ތައްޔާރީ ކާތަކެތި، ލުއިކާނާ، ލުއިބުއިން އަދި ޓޭކްއަވޭ ހިދުމަތް ދެވޭނެއެވެ.

އަރބަން ޝެކްއަކަށް މަހު ކުލީގެ ގޮތުގައި 1500 ރުފިޔާ އަދި ލީސް ޑިޕޮސިޓްގެ ގޮތުގައި 1500 ރުފިޔާ ދައްކަންޖެހޭނެއެވެ. އަރބަން ޝެކް ކުއްޔަށް ލިބޭނެ ފަރާތްތައް ހޮވިގެންދާނީ ކުއްޔަށް ނެގުމަށް އެދި ފޯމު ހުށަހަޅާފައިވާ ގްރޫޕްތަކުގެ މެދުގައި ނެގޭ ގުރުއަތު ލުމަކުންނެވެ. އަދި އަރބަން ޝެކް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ހަތް ދުވަސްތެރޭގައި ހިދުމަތްދޭން ފަށަން ޖެހޭނެއެވެ.

މި އަރބަން ޝެކްތަކާއި އަރބަން ކިއޮސްކްތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ އަހަރު ދުވަހަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވުމާއިއެކު މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ކަންކަން ފޯރުކޮށްދިނުމުގައި އެޗްޑީސީން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަަަހަ

    ދިވެހިނަމެއް ނެތްތަ

  2. ޙުސެން

    ތިޔަ އިއުލާން ކުރިތަ މަވާނުދެނަހުރިން ދެން ތިޔަތަން ލިބޭނީ ހަތަރުވަނަމީހާގެ އަތުން 15000 ދީގެން ބަލާތި