ފާއިތުވި ޑިސެމްބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2021 ވަނަ އަހަރުގެ ޑިސެމްބަރ މަހާ އަޅާބަލާއިރު 27 އިންސައްތަ ވަނީ އިތުރުވެއްޖެ ކަމަށް ކަސްޓަމްސް ސާވިސްގެ ތަފާސް ހިސާބުތަކުން ދެއްކި ނަމަވެސް ކަސްޓަމްސް މެދުވެރިކޮށް ދައުލަތައް ލިބުނު އާމްދަނީ ދަށަށް ހިނގައްޖެއެވެ.

2021 ވަނަ އަހަރުގެ ޑިސެމްބަރ މަހު ދިވެހިރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޑިސެމްބަރ މަހު މި ޢަދަދުވަނީ 5.6 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

ނަމަވެސް ފާއިތުވި ޑިސެމްބަރ މަހު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރ މަހާ އަޅާބަލާއިރު 2 އިންސައްތަ ވަނީ ދަށްވެފައެވެ. 2021 ވަނަ އަހަރުގެ ޑިސެމްބަރ މަހު 364 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޑިސެމްބަރ މަހު މި ޢަދަދުވަނީ 356 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.
ވޭތުވެދިޔަ ޑިސެމްބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލާއި އެކްސްޕޯޓް ކުރެވުނު މުދާ އަދި ކަސްޓަމްސްއަށް ލިބުނު އާމްދަނީގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ފަރަންސޭސި ވިލާތް، އޮމާން، އިންޑިއާ، ސިންގަޕޯ އަދި ޗައިނާ އެވެ. ފަރަންސޭސި ވިލާތުން 766 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާން އިން 754 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން އިންޑިއާ އިން 724 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ސިންގަޕޯ އިން 694 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާ އިން 532 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ. ވޭތުވެދިޔަ ޑިސެމްބަރ މަހު އަގުގެގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި އަދި އެކްސްޕޯޓްކުރި ޤައުމުތަކުގެ ލިސްޓްގެ އިތުރުން ޕްރޮސެސް ކުރެވުނު ޑިކްލަރޭޝަންގެ އަދަދާ ކްލިއަރަންސް ދެވުނު އުޅަނދުފަހަރުތަކުގެ ތަފާސް ހިސާބުގެ ތާވަލު ތިރީގައި އެވަނީއެވެ.

ދުނިޔޭގެ އިގުތިސޯދަށް ފަހަކަށް އައިސް އަރަމުން އަންނަ ލޮޅުންތަކުގެ ސަބަބުން މުދަލާއި ހިދުމަތުގެ އަގުތައް އަންނަނީ އުފުލެމުންނެވެ. އެކަމުގެ އަސަރު ދައުލަތުގެ އާމްދަނީއަށް ކުރާތީ މިއަހަރު ފެށީ ދައުލަތުން ނަގާ ބައެއް ޓެކްސްތައް ބޮޑު ކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަރޯ

    އިންޑިޔގެ ވިޔަފާރިވެރިން އެމީހުން މިތާ ހިންގާ ވިޔަފާރިތަކަށް ބިލިޔަން ރުފިޔާގެ މުދާ އެތެރެކުރިޔަސް، އެ ވިޔަފާރިތަކުން ވާ ފައިދާ މިގައުމަށް ލިބޭނެތަ، އޭގެބަދަލު އިންޑޔާ ބޭންކް މެދުވެރިކޮށް އެ ފައިސާއަކީ މިގައމުން ބޭރުވާ އެއްޗެއް. މުދާ އެތެކުރަން އެމީހުން، މުއައްޒަފުންނަށް އެމީހުން، ވިޔަފާރިތަކުގަވެސް އެމީހުން. ގައުމެއްނެތް، ވިއްކާ ކައިހުއްކޮށްފި

  2. ފަތުހީ

    ބޮޑުމީޙާ ކޮރަޕްޓް ވާ ވަރަކަށް ލިބޭ އެއްޗެއް މަދުވާނެ.އޮޑިޓް އޮފިސް އިން ބަލާ ،ސައިކަލް އަދި ކާރުގެ އަގުގެ 1500 ޑޮލަރަށް ނިންމާފައި އަމިއްލަ ޖީބަށް ވާގޮތް.ދައުލަތުގައި މި ކަންތައް ބަލާނެ އިދާރާ އެއްނެތް.ޑުރަގްސް ގެއްލެނީއޭ ކިޔަނީ..އާމްދަނީ ގެއްލެނީ ؟؟ލައްކަ ވަރުވީމަ ތާ.ބޮޑުމީހާ ދައުރުނިމުނީމަ ޖަލަށް ދާނޭ ހިތަށް އަރައޭ ބުނީމަވެސް ވީގޮތް ފުންނާބު އުސް އެޑްވައިޒަރ ފަޔާޒުއަށް އިގޭނެ.ފަޔާޒު އަޑީގައި ހުރެގެން ބޮޑުމީހާ ގޮޅިއަށް ފައްތާނެކަމަށް ވިސްނުން ރަގަޅުވާނެބާ! މާރިޔާ މެޑަމް ކޮންތާކުތޯ؟ބޮޑުމީހާ ބޭރުކުރަނީ އިންތިޚާބުގެފަހުން ތޯ؟