ބޮޑެތި ވިޔަފާރިވެރިން މާލޭގެ ވިޔަފާރި ބަނދަރަށް ގެންނަ ބައެއް މުދާ ކޮންޓެއިނަރުތައް ކްލިއާނުކޮށް، ތަޅެއް އެޅުވުމަށް ފަހު ސައިޓަށް ގެންގޮސް ފަހުން ކަސްޓަމްސްގެ އޮފިސަރެއްގެ އެހީގައި އެ ކްލިއާ ކުރާ ގޮތަށް ކަސްޓަމްސް އިން ހަމަޖައްސައިފިއެވެ.

ހޯމްލޭންޑު މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކަސްޓަމަރުންނަށް ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކަސްޓަމުން ގެންނަ އެއް ބަދަލަކީ ހުރިހާ ވިޔަފާރިވެރިންގެ މާޒީ އަށް ބަލާފައި، ބޮޑެތި ވިޔަފާރިވެރިން މާލޭގެ ވިޔަފާރި ބަނދަރަށް ގެންނަން ކޮންޓެއިނަރު މުދާތައް ކްލިއާނުކޮށް ތަޅެއް އަޅުވާފައި އެމީހުންގެ ސައިޓަށް ގެންދެވޭ ގޮތް ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޮޑެތި ވިޔަފާރިވެރިންގެ ކޮންޓެއިނާއާ އެއްޗެހި، އެމްޕީއެލް އިން ކްލިއާ ކުރުމުގެ ބަދަލުގައި އަޅުގަނޑުމެން ސީދާ އޭގަ ތަޅެއް އަޅުވާފަ މި ފޮނުވަނީ އެބޭފުޅުންގެ ސައިޓަށް. ފޮނުވާލާފަ ދެން އެބޭފުޅުންގެ އޯން ޓައިމްގަ އަޅުގަނޑުމެން މި ފޮނުވާލަނީ ކަސްޓަމްސް އޮފިސަރެއް އޭތި ޗެކް ކުރަން ފަހުން،" މާނިއު ވިދާޅުވިއެވެ.

މާނިއު ވިދާޅުވީ އެގޮތަށް ނިންމުމުގެ ސަބަބުން ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި ތަކެތި ކްލިއާ ކުރުމުގެ މަރުހަލާ އަވަސްވެގެން ދާނެ ކަމަށެވެ. އޭގެ ސަބަބުން ކުދި ވިޔަފާރިވެރިންގެ މުދާ ކްލިއާވުން އަވަސްވެ، ޑެމަރޭޖް ޗާޖުތައް މަދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާނިއު ވިދާޅުވީ ކަސްޓަމުން މުޅި ސިސްޓަމް ޑިޖިޓަލައިޒް ކުރުމަށް އިސް ނަގާފައިވާ ކަމަށެވެ.

ކަސްޓަމްސްގެ ޗީފް ސުޕްރިޓެންޑެންޓް އިސްމާއީލް ހަމްދޫން ވިދާޅުވީ މިގޮތަށް ކުރިއާލައި ކޮންޓެއިނަރުތައް ނެރުމުގެ ފުރުސަތު ދޭނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ސައްހަ ލިޔުންތަކާ އެކު، އޮންނަ އުސޫލުގެ ތެރެއިން އަމަލުކޮށްފައިވާ ވިޔަފާރިތަކަށް ކަމަށެވެ. ގިނަ ވިޔަފާރިވެރިންނަކީ ސައްހަ ލިޔުންތައް ހުށަހަޅައިގެން ކަސްޓްމްސް އިން މުދާ ކްލިއާކުރާ މީހުން ކަމަށާއި އެމީހުން ކަސްޓަމްގެ ތެރޭގައި ލިސްޓްކޮށްފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަންދަހާރު

    ކަސްޓަމްސް އޮފިސަރުންގެ އާމްދަނީ އިތުރުކުރުމަށް ހުުވާލަދޭ ދޮރެއް

  2. ހުސެން

    ތީތި ކަޑަ އިނގޭ މިހާރުވެސް ހާދަ މުއްސަދި ކޮށް އުޅެޔޭ ބައެއް އޮފިސަރުން

  3. ޥަގު

    ޥަގު