މިއަދަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް (ވީއައިއޭ)އަށް ބާރުބޮޑު ދުވަހެއް ކަމުން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެ އެއާޕޯޓް ހިންގަމުންދާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ވިދާޅުވެއްޖެއެވެ.

މި ދުވަސްވަރަކީ ފަތުރުވެރިކަމުގެ ސީޒަން ދުވަސްވަރެވެ. މިއާއެކު އިންޓަނޭޝަނަލް ޓާމިނަލް އަދި ޑޮމެސްޓިކް ޓާމިނަލް ވަރަށް ބޮޑަަށް ބާރުބޮޑުވެގެންދާއިރު، މިއަދަކީ އެއާޕޯޓަށް ވަރަށް ބާރުބޮޑު ދުވަހަކަށް ވާނެއެވެ.

އެމްއޭސީއެލްއިން ރޭ ވިދާޅުވީ، މިއަދަކީ އެއާޕޯޓަށް ވަރަށް ބާރުބޮޑު ދުވަހަކަށް ވާނެ ކަމަށާއި، މިއާއެކު ކިއުތަކާއި ޑިލޭތައް މެދުވެރި ވެދާނެ ކަމަށެވެ.

އެހެންކަމުން ރާއްޖެެއިން ބޭރަށް ދަތުރު ކުރާ ފަސެންޖަރުން ތިން ގަޑިިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އިލްތިމާސް ކޮށްފައި ވެއެވެ.

އާއްމުކޮށް ސީޒަން ދުވަސްވަރު ވެލާނާ އެއާޕޯޓަށް ބާރުބޮޑުވެގެން ދާއިރު، މިހާރު ތަރައްގީވަމުންދާ ވެލާނާ އެއާޕޯޓްގެ އިންޓަނޭޝަނަލް އާ ޓާމިނަލްއާއެކު ހިދުމަތްތައް އިތުރަށް ފުރިހަމަވެ، އަހަރެއްގެ ތެރޭގައި ހަތް މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ ގާބިލްކަން ލިބިގެން ދާނެއެވެ.