ދުނިޔޭގެ އެންމެ ގިނައިން ތެޔޮ އުފައްދާ އެއް ގައުމު ކަމަށްވާ ސައުދީ އަރަބިއްޔާ އިން ބްރިކްސް މާލީ އިއްތިހާދާއި ރަސްމީކޮށް ގުޅިއްޖެއެވެ.

ބްރިކްސް ގެ އަހަރީ ބައްދަލުވުމުގައި ސައުދީ އަރަބިއްޔާ އަށް އެ އިއްތިހާދާއި ގުޅުމަށް ދައުވަތުދީފައި ވަނީ 2023 ވަނަ އަހަރުއެވެ.

އޭރު ސައުދީން ވަކި ޖަވާބެއް ނުދިން ކަމުގައި ވިޔަސް އެމެރިކާ އާއި ސައުދީގެ ހާރިޖީ ގުޅުން ގޯސްވެ، ރަޝިއާ އާއި ސައުދީން އެއްބައިވެ ތެޔޮ އުފައްދާ މިންވަރާއި ތެޔޮ ބޭރު ކުރާ މިންވަރު ލިމިޓް ކުރަން އެއްބަސް ވުމުން، ސައުދީން އެމެރިކާ ޑޮލަރު ނޫން އެހެން ފަައިސާ އިން ތެޔޮ ބޭރުކުރުމަށް އިތުރު ގޮތް ތަކެއް ހޯދަން ފަށާނެ ކަމަށް ދުނިޔޭގެ ވިޔަފާރީގެ މާހިރުން ބުނަމުން ދިޔައެވެ. އެ ހިސާބުން ސައުދީ ބްރިކްސް ގެ މާލީ އިއްތިހާދާއި ގުޅޭނެ ކަމުގެ އަޑުތައް ދިޔައީ ވަރަށް ބާރަށް ފެތުރެމުންނެވެ.

ސައުދީ އަރަބިއްޔާ އިން ބްރިކްސްގެ މާލީ އިއްތިހާދާއި ރަސްމީ ކޮށް ގުޅުނު ކަން ދެކުނު އެފްރިކާގެ ހާރިޖީ ވަޒީރު ނަލެޑި ޕަންޑޯވް ވަނީ އަލް ޖަޒީރާ އަށް ކަށަވަރު ކޮށްދެއްވާފައެވެ. އަދި އިތުރު ގައުމުތަކެއް ވެސް ބްރިކްސްގެ މާލީ އިއްތިހާދާއި ގުޅުނު ކަން ޕަންޑޯވް ވަނީ އިއުލާން ކުރައްވާފައެވެ.

ސައުދީ އާއި އެކީ ބްރިކްސްގެ މާލީ އިއްތިހާދާއި ދެން ގުޅިފައިވަނީ އެފްރިކާ ބައްރުގެ އެންމެ އާބާދީ ބޮޑު އަދި އެންމެ ބޮޑު އިގްތިސޯދު ކަމަށްވާ މިސްރާއި، އަރަމުން އަންނަ އިގްތިސޯދީ ބާރެެއް ކަމަށްވާ އިތިއޯޕިއާ އާއި، މެދުއިރުމަތިން އެކުވެރި އަރަބި އިމާރާތް ( ޔޫއޭއީ) ގެ އިތުރުން ސައުދީ އާއި ޒަމާންތަކެއް ވަންދެން ހާރިޖީ ގުޅުން ކަނޑާލާފައި އޮތް އިރާނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފަލާޙް

    އެމެރިކާގެ އެޖެންޓުން ރަޝިޔާއަށް ޖެއްސުން ކުރުމަށް ރަޝިޔާއާއި ގުޅިއްޖެއެވެ. މިއީ ޙަޤީޤަތަކީ!

    1
    4