އިރާނުން ނިއުކުލިއަރ ހަތިޔާރު އުފައްދަން މަސައްކަތް ކުރާ ކަމަށް ހުޅަނގުގެ ގައުމުތަކުން ކުރާ ތުހުމަތުތަކަށް ބީރު ކަންފަތެއް ދިނުމަށް ފަހު، އިތުރު 4 ނިއުކުލިއަރ ރިއެކްޓަރ އެޅުމުގެ މަސައްކަތް އިރާނުން ފަށައިފިއެވެ.

މިދިޔަ އަހަރު އޮތް ވޯލްޑް އިކޮނޮމިކް ފޯރަމް ގައި ވާހަކަ ދައްކަވަމުން އދ ގެ ދަށުން ހިންގާ ދުނިޔޭގެ އެޓޮމިކް އެނާޖީ އާއި ބެހޭ އިދާރާގެ އިސްވެރިޔާ ވަނީ އިރާނުން ޔުރޭނިއަމް ފައްކާ ކުރާ މިންވަރާއި ނިސްބަތް ވަރަށް ބޮޑުތަނުން އިތުރުކޮށްފައިވާ ކަމަށާއި އިރާނުން ޔުރޭނިއަމް ފައްކާ ކުރަމުންދާ ނިސްބަތަކީ ނިއުކުލިއަރ ހަތިޔާރު ހުރި ގައުމުތަކުން ޔުރޭނިއަމް ފައްކާ ކުރާ މިންވަރު ކަމަށް ވިދާޅުވެ، އެކަަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އިރާނުގެ ކަމާ ބެހޭ އިދާރާ ތަކުން އެއްވެސް ކަހަލަ އެއްބާރުލުމެއް ނުލިބޭ ކަމަށް ވެސް އޭނާ ވަނީ އެ ކޮންފަރެންްސްގައި ދުނިޔޭގެ ލީޑަރުންގެ ކުރިމަތީގައި ވިދާޅުވެފައެވެ. އަދި އީރާނުގެ އަމަލުތަކާއި މެދު މިހާރަށް ވުރެ ބޮޑަށް ފާރަވެރިވާން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އިރާނުގެ ސަރުކާރުގެ ރަސްމީ ނޫސް އެޖެންސީ ކަމަށްވާ އިރްނާ އިން ބުނެފައިވަނީ އިރާނުގެ ދެކުނުގެ ސަރަހައްދުތަކުގައި އިތުރު ހަތަރު ނިއުކުލިއަރ ޕަވަރ ޕުލާންޓް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ޕުލާންޓްތައް ބޭނުން ކުރާނީ އާންމު ދިރިއުޅުމުގެ ބޭނުންތަކަށް އެ ސަރަހައްދުގެ ސިޓީ ތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ކަމަށެވެ.

އަދި މި މަޝްރޫއުގެ ސަބަބުން އިރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލުވާނެ ކަމަށް ވެސް އިރާނުގެ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ އިރްނާ އިން ބުނެފައިވެއެވެ. އެ ހަތަރު ނިއުކުލިއަރ ޕަވާ ޕުލާންޓު ތަކުން 5،000 މެގަވޯޓް ގެ ކަރަންޓު އުފައްދާނެ ކަމަށްވެސް އޮފިޝަލް މައުލޫމާތު ދީފައި ވެއެވެ.

އިރާނުގައި މި ވަގުތު ހުރީ އެންމެ ނިއުކުލިއަރ ޕަވާ ޕުލާންޓެކެވެ. އެއީ 1000 މެގަވޯޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ ޕަވާ ޕުލާންޓެކެވެ. އެއީ 2011 ވަނަ އަހަރު ރަޝިއާގެ އެހީތެރިކަމާއި އެކީ އިރާނުން އެޅި ޕަވަ ޕުލާންޓެކެވެ.