ފަލަސްތީނުގެ ޣައްޒާގެ ޚާން ޔޫނިސްގައި ހުންނަ ނާސިރު ހޮސްޕިޓަލު ހުސްކުރަން އިންޒާރުދޭން ބިޑިއަޅުވާފައި ހުރި ފަލަސްތީނުގެ ރަހީނަކު ހޮސްޕިޓަލު ތެރެއަށް ފޮނުވުމަށް ފަހު އިސްރާއީލު ސިފައިން އެމީހާގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލާފައިވާ ކަމަށް ނާސިރު ހޮސްޕިޓަލުގެ ޑޮކްޓަރަކު ބުނެފިއެވެ.

"އަހަރެމެން ހޮސްޕިޓަލުން ނުކުންނަން އަންގަން ދެއަތުގައި ބިޑިއަޅުވާފައި ހުރި ރަހީނަކު އެމީހުން ފޮނުވި. އެމީހުން ބަޑިޖަހައި އެމީހާވެސް ޝަހީދު ކޮށްލި." މީސްމީޑިއާގައި އާންމު ކޮށްފައިވާ ވީޑިއޯ އެއްގައި ނާސިރު ހޮސްޕިޓަލުގެ ޕްލާސްޓިކް ސާޖަރީ ޑިޕާޓްމެންޓުގެ ވެެރިޔާ އަހުމަދު މޮޣުރާބީ ބުނެފައި ވެއެވެ.

ހޮސްޕިޓަލުގައި ހުރި ފަލަސްތީނުގެ ނޫސްވެރިއެއް ކަމަށްވާ މުހައްމަދު އަލް ހަލައު ބުނެފައިވަނީ ބިޑިއަޅުވާފައި ހުރި ޒުވާނަކު ހޮސްޕިޓަލު ތެރެއަށް ފޮނުވާފައިވަނީ " އެމީހުން ހޮސްޕިޓަލު ގޮއްވާލަން އުޅޭތީ ހޮސްޕިޓަލުން ނުކުތުމަށް" އެތެރޭގައި ތިބި މީހުންނަށް އަންގަން ކަމަށެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައި ވަނީ އަންގާރަ ދުވަހު އިސްރާއީލުގެ ސްނައިޕަރުން ނާސިރު ހޮސްޕިޓަލުގައި ތިބި ތިން މީހަކު ޝަހީދުކޮށްލާފައިވާ ކަމަށެވެ. އެއީ އިންޒާރު ދޭން ހޮސްޕިޓަލުގެ އެތެރެއަށް ފޮނުވި ޒުވާނާވެސް ޝަހީދު ކޮށްލި ދުވަހެވެ.

ބައެއް މީހުން ހޮސްޕިޓަލު ދޫކޮށް ގޮސްފައިވާއިރު ބަލިހާލު ބޮޑު އެތައް ސަތޭކަ ބަލިމީހުންނާއި ސިއްހީ އެހީތެރިން އަދިވެސް ހޮސްޕިޓަލުގައި ތާށިވެފައި އެބަތިއްބެވެ.

ޑޮކްޓާސް ވިތްއައުޓް ބޯޑާސް އިން ބުނެފައިވަނީ ހޮސްޕިޓަލުން ނުކުންނަ މީހުންގެ ގަޔަށްވެސް އިސްރާއީލު ސިފައިން ބަޑިޖަހާ ކަމުގެ ރިޕޯޓުތަކާއި އެކީ އެތައް ބަޔަކު ހޮސްޕިޓަލުން ނުކުންނަން ޖެހިލުންވެފައިވެސް އެބަ ތިބި ކަމަށެވެ.