ޕާކިސްތާނުގައި ކޯލިޝަން ސަރުކާރެއް އެކުލަވާލަން އެގައުމުގެ އެންމެ ބޮޑު ސިޔާސީ ޕާޓީތަކުގެ ތެރެއިން ދެ ޕާޓީން ރަސްމީ ކޮށް އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

މި މަހުގެ 8 ވަނަ ދުވަހު ޕާކިސްތާނުގައި އޮތް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ސަރުކާރެއް އެކުލަވާލެވޭ ވަރަށް އެއްވެސް ޕާޓީއަކަށް މެޖޯރިޓީ ލިބިފައެއް ނުވެއެވެ.

ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އަދި ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލް-އެން) އަށް ސަރުކާރެއް އެކުލަވާ ލެވޭ ވަރަށް ގޮނޑި ލިބިފައިވާ ކަމަށް ޕީއެމްއެލް-އެން ގެ ރައީސް އަދި އެގައުމުގެ ކުރީގެ ބޮޑު ވަޒީރު ޝެހެބާޒް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ކޯލިޝަނުން ބޮޑުވަޒީރު ކަމަށް ކުރިމަތި ލައްވާނީ ޝެހެބާޒް ޝަރީފް ކަން ވެރިރަށް އިސްލާމްއާބާދުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީޕީގެ ޗެއާޕާސަން އަދި ކުރީގެ ފޮރިން މިނިސްޓަރު ބިލާވަލް ބުއްޓޫ ޒަރްދާރީ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އަދި އޭގެ އިތުރުން ރައީސް ކަމަށް ކޯލިޝަނުން ހުށައަޅާ ކެންޑިޑޭޓަކީ ބިލާވަލްގެ ބައްޕާފުޅު އާސިފް އަލީ ޒަރްދާރީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރުކަންް ކުރައްވާފައިވާ ނަވާޒް ޝަރީފްގެ ކޮއްކޯފުޅު ޝެހެބާޒް ޝަރީފް ވިދާޅުވީ ޕީއެމްއެލް-އެން-ޕީޕީޕީ ކޯލިޝަނަށް އެހެން ކުދި ކުދި ޕާޓީތަކުގެ ތާއީދުވެސް އޮތް ކަމަށެވެ.

އެ ދެ ޕާޓީން ކޯލިޝަން ސަރުކާރެއް އިއުލާނު ކޮށްފައި މިވަނީ އިންތިހާބަށް ފަހު 10 ވަރަކަށް ދުވަހުގެ ބޮޑެތި މަޝްވަރާތަކަށް ފަހުގައެވެ.

ޕާކިސްތާނުގެ އިންތިހާބުގައި އެންމެެ ގިނަ ގޮނޑި ލިބިފައިވަނީ ޖަލަށް ލާފައިވާ އެގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ގެ ޕާކިސްތާން ތެހެރީކޭ އިންސާފް (ޕީޓީއައި) އިން ތާއީދުކުރި މިނިވަން ކެންޑިޑޭޓުންނަށް ނަމަވެސް ސަރުކާރެއް އެކުލަވާލެވޭ ވަރަށް ގޮނޑި އަދި ކޯލިޝަނެއް ހަދާނެ ޕާޓީއެއްވެސް ލިބިފައެއް ނުވެއެވެ.

އިންތިހާބާއި ދިމާކޮށް ޕީޓީއައި އާއި ދެކޮޅަށް ސަރުކާރުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ޕީޓީއައި ގެ މެމްބަރުންނަށް އިންތިހާބުގައި ވާދަކުރަން ޖެހުނީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައެވެ.

ޕީއެމްއެލް-އެން އަށް 79 ގޮނޑި ލިބިފައިވާ އިރު ޕީޕީޕީ އަށް 54 ގޮނޑި ލިބިފައި ވެއެވެ. އަދި ކުދި 4 ޕާޓީ އަކާއި އެކު އެ ކޯލިޝަނަށް ވަނީ 264 ގޮނޑިއާއި އެކު މެޖޯރިޓީ ލިބިފައެވެ.

އެ ދެ ޕާޓީގެ އިއުލާނާއި ގުޅިގެން ކުދި ޕާޓީތަކާއި އެކު ކޯލިޝަންތައް ހެދުމަށް މަސައްކަތް ކުރަމުންދިޔަ ޕީޓީއައި އިން ވަނީ އިދިކޮޅު ފަރާތްތަކަކީ “މެންޑޭޓް ވަގުން“ ކަމުގައި ސިފަ ކޮށްފައެވެ. އިންތިހާބުގެ ވޯޓުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ޕީޓީއައި އިންް ދަނީ ތުހުމަތު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު