މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމަށްވާ މަސްޖިދުލް އަޤްޞާ އަށް ވަނުމަށް މާތް ވެގެންވާ ރަމަޟާން މަހު އަރަބިންނަށް އިސްރާއީލުން ހުރަސް އަޅާނަމަ ސަރަހައްދީ ހަމަނުޖެހުމެއް އުފެދިދާނެ ކަމަށް އުރުދުންގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ޔަހޫދީ އިސްރާއީލުގެ ހަބަރު ފަތުރާ ނޫސް އެޖެންސީ އެއް ކަމަށްވާ "ކަން" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އުރުދުންގެ ސަރުކާރުގެ އޮފިޝަލް މިހެން ވިދާޅުވެފައިވަނީ އުރުދުންގެ ޓީވީ ޗެނަލަކުން ގެނެސްދިން ލައިވް ޓޯކް ޝޯ އެއްގައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަމަނުޖެހުންތައް ރަނގަޅަށް ކޮންޓްރޯލް ނުވެ އުޅެނިކޮށް އަނެއްކާ ވެސް އިތުރު ހަމަނުޖެހުން ތަކަކަށް ދައުވަތު ދޭން ބޭނުން ނުވާނަމަ، މަސްޖިދުލް އަޤުޞާ ގައި އެއްވެސް ހުރަހެއް ނެތި އަރަބި މުސްލިމުންނަށް ރަމަޟާން މަހު އަޅުކަން އަދާކުރުމުގެ ފުރުސަތު އޮންނަށް ވާނެ ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ. އެކަމުގައި އެއްވެސް ދަތިކުރުމުގެ ފިޔަވަޅެއް އިސްރާއީލުން އަޅާނަމަ މުސްލިމުން މަޑުން ނުތިބޭނެ ކަމަށާއި، އަޤްޞާ އަކީ މުސްލިމުންނަށް ވަރަށް މުހިއްމު މިސްކިތެއް ކަމަށްވެސް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

" އުރުދުންގެ ރަސްގެފާނު އަބްދުﷲ އެންމެ ފަހުން ޔޫރަޕަށާއި އެމެރިކާ އަށް ކުރެއްވި ދަތުރުފުޅުގައި ވެސް އަޤްޞާގައި ނަމާދު ކުރުމަށް އިސްރާއީލުން ހުރަސް އަޅާ މައްސަލައިގައި މަޝްވަރާ ކުރެވިގެން ދިޔަ. އަހަރެމެން ބޭނުން ވަނީ މި މައްސަލަ އަށް އަވަސް ނަމަވެސް ސުލްހަވެރި ދާއިމީ ހައްލެއް." އޮފިޝަލު ޓީވީ ގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

“ސަލާމަތީ ސަބަބުތަކަށްޓަކައި“ ކަމަށް ބުނެ ރަމަޟާން މަހު މުސްލިމުންނަށް އަލް އަޤުޞާ އަށް ވަނުމަށް ހުރަސް އެޅުމަށް އިސްރާއީލުން ފިޔަވަޅުތަކެއް އަޅާނެް ކަމަށް ވަނީ ބުނެފައެވެ.