ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމުގައި ފާއިތުވި 24 ގަޑިއިރު 104 މީހަކު ޝަހީދު ކޮށްލައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ނިރުބަވެރި އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން ވަނީ ފާއިތުވި 24 ގަޑިއިރު ޣައްޒާގައި 10 ގަތުލު އާންމެއް ހިންގާފައެވެ. އޭގެ ނަތީޖާއަކީ އެ މުއްދަތުގައި 104 މީހަކު ޝަހީދުކޮށްލައި، 160 މީހަކަށް އެކިވަރުގެ ޒަހަމްތައް ދިނުމެވެ.

މިނިސްޓްރީން ބުނި ގޮތުގައި އިސްރާއީލުން ދިން ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް ގިނަ އަދަދެއްގެ ބަޔަކު އެބަތިއްބެވެ. އަދި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ފަރާތްތަކާއި އެމީހުންނަށް ފަރުވާ ދިނުމަށް އެސަރަހައްދަށްދާ އެމްބިއުލާންސްތަކާއި ސިއްހީ ހިދުމަތްތެރިންނަށް ވެސް އިސްރާއީލުން އަންނަނީ ހުރަސް އަޅަމުންނެވެ.

މިއަދަދާއި އެކީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 29،514 އަށް އަރާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 69،616 އަށް އަރާފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްރާއީލާއި ޣައްޒާއާއި ދެމެދު މިހާރު ހިނގަމުން އަންނަ ހަނގުރާމަ ފެށިފައިވަނީ އިސްރާއީލުގެ އަނިޔާވެރިކަމުން ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރުމަށް ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އިސްރާއީލާއި ދެކޮޅަށް އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ދިން ހަމަލާއާއި ގުޅިގެންނެވެ.