ނިރުބަވެރި އިސްރާއީލުން ފަލަސްތީނުން ހައްޔަރު ކުރި އިތުރު މީހަކު ޝަހީދު ކޮށްލައިފިއެވެ.

ފަލަސްތީނުގެ ގައިދީންނާއި ބެހޭ އިދާރާއިން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެމީހާ ޝަހީދު ކޮށްލާފައިވަނީ އިސްރާއީލުގެ މެދުތެރޭގައި ހުންނަ ރަމްލާ ޖަލުގައި ބަންދުގައި ގެންގުޅެ އެކިކަހަލަ އަނިޔާ ދީގެންނެވެ. އޭނާއަށް ދިން އަނިޔާގެ ސަބަބުން ޝަހީދުވެފައިވާއިރު، މީޑިއާތަކުން އެއަނިޔާގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އެހެން ނަަމަވެސް އަބަދު ވެސް އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން ހައްޔަރުކޮށް އެކިކަހަލަ އަނިޔާ ދެމުން އަންނަ ކަން ވަނީ ހާމަވެފައެވެ. އެގޮތުން ކާއެއްޗެހި ދިނުން މެދުކަނޑާލުން ވެސް ހިމެނެއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރި އިސްރާއީލުން އޭނާ ހައްޔަރު ކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފެށުނު ހަނގުރާމައިގެ ތެރެއިންނެވެ. އެ ހަނގުރާމައިގެ ތެރެއިން އޭނާ ހައްޔަރު ކޮށްފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ހައްޔަރު ކުރި 9 މީހަކު ވަނީ ޝަހީދުވެފައެވެ. އޭނާއަކީ އެގޮތަށް ޝަހީދުވި 10 ވަނަ މީހާއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިސްރާއީލުން ޣައްޒާ، ހުޅަނގު އައްސޭރި އަދި އިރުމަތީ ގުދުސްގައި 1967 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން 248 މީހަކު ވަނީ ޝަހީދުވެފައެވެ.

އަދި މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާއިން މިހާތަނަށް 30،000 އާއި ގާތް ކުރާ އަދަދެއްގެ މީހަކު ޝަހީދު ކޮށްލާފައިވާއިރު، 70،000 އާއި ގާތްކުރާ އަދަދެއްގެ މީހަކަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.