މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރެކޯޑް މިންވަރަކަށް މިދިޔަ އަހަރު ދުނިޔެ ހޫނުގަދަވެފައިވާތީ އދ.ގެ މޫސުމާ ބެހޭ އިދާރާއިން "ރެޑް އެލާޓް" ނެރެފިއެވެ.

އދ. ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެމްއޯ)އިން އިއްޔެ ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ 2024 ވަނަ އަހަރަކީ ރެކޯޑް މިންވަރަށް ހޫނު އަހަރަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި މިދިޔަ އަހަރު ރެކޯޑު މިންވަރަކަށް ހޫނުގަދަވެފައިވާތީ އެ އިދާރާއިން ވަނީ ދުނިޔެ ހޫނުވުމާ ގުޅޭ ގޮތުން "ރެޑް އެލާޓް" ނެރެފައެވެ. މިދިޔަ އަހަރު ގްރީންހައުސް ގޭސްތައް ބޭރު ކުރި ވަރު އިތުރުވެ، ބިމާއި ފެނުގެ ފިނިހޫނުމިން ރެކޯޑް އަދަދަކަށް އިތުރުވެ ގްލޭޝިއާތަކާއި ކަނޑުގެ އައިސްތައް ގިރާފައިވާ ކަމަށް ބުނެފައިވެއެވެ.

ޖެނީވާގައި ހުންނަ އެ އިދާރާއިން ސްޓޭޓް އޮފް ދަ ގްލޯބަލް ކްލައިމެޓް ރިޕޯޓުގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރިޕޯޓުގައި ވަނީ ޕްފޮސިލް ފިއުލްއިން ދުނިޔެ ތަޣައްޔަރުވުމުގެ ސަބަބުން ފެންނަމުންދަނީ މޫސުމަށް ބޮޑެތި ބަދަލުތައް އަންނަމުންދާ ތަން ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަންގެ ކޮޕަރނިކަސް ކްލައިމެޓް ޗޭންޖް ސާވިސްއިން ބުނާ ގޮތުގައި 2023 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ދުނިޔޭގެ ހޫނުމިން ކަންބޮޑުވާ މިންވަރަށް ވަނީ މައްޗަށްގޮސްފައެވެ.

ޑަބްލިޔުއެމްއޯގެ ޗީފް އޮފް ކްލައިމެޓް މޮނިޓަރިން އުމަރު ބަދޫރު ވިދާޅުވާ ގޮތުން މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުވެސް ހޫނުގަދައެވެ. ވަކިން ހާއްސަކޮށް މިދިޔަ ޖެނުއަރީ މަހަކީ ރެކޯޑް ކުރެވިފައިވާ އެންމެ ހޫނުގަދަ މައްސަރެވެ.

2023 ވަނަ އަހަރު ކަނޑުގެ 90 އިންސައްތައަށް މަދުވެގެން އެއްފަހަރު ހީޓް ވޭވް ކުރިމަތިވެފައިވެއެވެ. 1950 ވަނަ އަހަރުން ފެށިގެން މޮނިޓަރ ކުރެވުނު ގްލޭޝިއަރތަކުން ނުވަތަ ގަނޑުފެންތަކުން ރެކޯޑް ކުރެވިފައިވާ އެންމެ ގިނަ އައިސް ގެއްލިފައިވެއެވެ. އެންޓާކްޓިކް ކަނޑުގެ އައިސް މިހާތަނަށް އެންމެ ބޮޑަށް ވިރިގެންދިޔައީ މިދިޔަ އަހަރުއެވެ.

ޑަބްލިއުއެމްއޯއިން ބުނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހޫނުގަދަވުމާއި އުދައެރުމާއި ހިއްކާ ބިމާއި ކުޅިތަކުގައި އަލިފާން ރޯވުމާއި ޓްރޮޕިކަލް ސައިކްލޯންގެ އަސަރު 2023 ވަނަ އަހަރު ހުރިހާ ބައްރުތަކަށް އިހުސާސް ކުރެވުނު ކަމަށެވެ.

އެކަމަކު އެ އިދާރާއިން ވަނީ ދުނިޔެ މާ ބޮޑަށް ހޫނުވިޔަ ނުދިނުމަށް މަސައްކަތް ކުރުމުގައި "އުއްމީދުގެ ކުޑަ އަލިކަމެއް" އެބައޮތް ކަމަށް ބުނެފައެވެ. އެގޮތުން ވިންޑް، ސޯލާ، އަދި ފެނުގެ ހަކަތައިން އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ގާބިލްކަން 2022 ވަނަ އަހަރުން ފެށިގެން ގާތްގަނޑަކަށް 50 ޕަސެންޓް އިތުރުވެ 510 ގިގަވޯޓަށް އަރާފައިވާ ކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަށިކެޔޮ އާދަނު

    ހަނދާނަށްއަންނަނީ ރައީސް މައުމޫނު އދ މަޖިލީހުގަ ވަރަށްއަސަރާއެކު ދުނިޔޭގެސަމާލުކަމަށް މިކަންގެންވިދުވަސް. އޭގެފަހުން ސައިންސުވެރިންވެސް ކަނޑުއަޑީގަ ޖަލްސާބާއްވާ އޭވޯޑުތަކެއްހޯއްދެވީވެސް. އޭގެފަހުން އޯޒޯނޭކިޔާއަޑު އިވެންފެށީވެސް.. އޭގެފަހުން ކަނޑުގެލޮނުގަނޑު އުފުލެމުން ބައްރުބައްރުން އައިސްތައްވިރޭކަންވެސް އެނގޭކަމަށްވީ. ތިމާއެއްޓޭކިޔަންއާދަވީވެސް އޭގެފަހުން. ޝުކުރިއްޔާ ރައީސް ޒައީމް މައުމޫނު.

    22
    2
    • މަޢުމޫން

      އަޅުގަނޑަށް ތިޔަ ކުރެއްވި ތަޢުރީފަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

  2. މަޢުމޫން

    އަޅުގަނޑަށް ތިޔަ ކުރެއްވި ތަޢުރީފަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.