ފަލަސްތީނުގެ ޣައްޒާގައި އެހީގެ ތަކެތީގެ އިންތިޒާރުގައި ތިބި ބަޔަކަށް ނިރުބަވެރި އިސްރާއީލުން ހަމަލާދީ ގިނަބަޔަކު ޝަހީދުކޮށްލައިފިއެވެ.

އަލްޖަޒީރާގެ ނޫސްވެރިޔާ ބުނީ ކުވައިތު ރައުންޑްއަބައުޓްގައި ރޭ ފަތިހުގެ ވަގުތެއްގައި އެހީގެ ގާފިލާއަކަށް އިތުރު ހަމަލާއެއް ދީފައިވާ ކަމަށެވެ.

އެ ނޫސްވެރިޔާ ބުނީ މި ހާދިސާގައި 24 މީހުން ޝަހީދުވިއިރު، ގިނަބަޔަކު ޒަހަމްވި ކަމަށެވެ.

މި ހަމަލާގެ ސަބަބުން އެހީދޭ ޓްރަކްތަކާއި އެއްވެ ތިބި މީހުންގެ އިތުރުން އާންމު ތަންތަން ހިމެނޭ ގޮތަށް ވަށައިގެންވާ ތަންތަން ވެސް ވަނީ ހަލާކުވެފައެވެ.

ޣައްޒާގެ އުތުރުގައި ބަނޑުހައިހޫނުކަން ވަރަށް ބޮޑަށް ފެތުރެމުންދާއިރު، މިއީ އިންސާނީ އެހީދޭ ޓްރަކްތަކަށާއި، އެތަންތަނުގެ ވަށައިގެން ބޮޑެތި ޖަމާއަތްތަކަކަށް ޖަމާވާ މީހުންނަށް ވިސްނުންތެރިކަމާއި ސީދާ ހަމަލާތައް ދޭތަން ފެށި ފުރަތަމަ ފަހަރެއް ނޫނެވެ.

މީގެ ކުރިން ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި ޑިސްޓްރިބިއުޝަން ފުޑް ޕޮއިންޓަކަށް ވެސް ހަމަލާދީ ހަލާކުކޮށްލިއެވެ.

ޣައްޒާގައި ވަަރަށް ބޮޑަށް ބަނޑުހައި ހޫނުކަން ވަނީ ކުރިމަތިވެފައެވެ. އެ ސަރަހައްުދުގައި އެތައް ބަޔަކު އެހީގެ އިންތިޒާރުގައި ތިބިއިރު، ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ސަބަބުން ދުނިޔެ ދޫކުރާ ކުދިންގެ އަދަދު އިތުރުވަމުންދާ ކަމަށާއި އަލަށް އުފަންވާ ކުދިން ދުނިޔެ ދޫކުރަނީ އުފަންވުމުގެ ބަރުދަން ދަށްވުމުގެ ސަބަބުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 31،923 މީހުން ޝަހީދުވެ 74،096 މީހުން ވަނީ ޒަހަމްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު