މޮލްޑާވާ އިން ރަޝިއާގެ ގިނަ ޑިޕްލޮމޭޓުންތަކެއް ބޭރުކޮށްލައިފި ކަމަށް އަލް ޖަޒީރާ އިން ރިޕޯޓްކޮށްފިއެވެ.

ރަޝިއާގެ ޑިޕްލޮމެޓުން މޮލޮޑޯވާ އިން ބޭރުކޮށްލާފައި މިވަނީ ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އެއީ މޮލްޑޯވާ އިން ވަކިވެގަނެގެން ވަކި ދައުލަތެއް އުފައްދަން މަސައްކަތް ކުރާ އެ ގައުމުގެ ސަރަހައްދެއް ކަމަށްވާ ޓުރާންސްނިސްޓްރިއާ އަށް ރަޝިއާ އިން ތާއީދުކޮށް ވަކިވެގަންނަން މަސައްކަތް ކުރާ ފަރާތްތަކަށް ހަތިޔާރާއި އެހެނިހެން މާލީ އެހީތެރިކަން ވެސް ރަޝިއާ އިން ފޯރުކޮށްދެމުންދާތީ އެވެ.

މޮލްޑޯވާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން އެ ގައުމުން ފޮނުވާލާފައިވަނީ ރަޝިއާގެ ރިޔާސީ އިންތިހާބުގައި އެ ސަރަހައްދުގައި ވޯޓް ފޮށިތަކެއް ބެހެއްޓި މައްސަލައިގައެވެ.

މޮލްޑޯވާ އިން ބުނެފައިވަނީ އެ ސަރަހައްދަކީ ރަޝިއާގެ ސަރަހައްދެއް ނޫން ކަމަށާއި އެހެންކަމުން ރަޝިއާ އަށް އެ ސަރަހައްދުގައި ރަޝިއާގެ ރިޔާސީ އިންތިހާބަށް ވޯޓު ލުމަށް ވޯޓް ފޮށި ބެހެއްޓުމުގެ އެއްވެސް ހައްގެއް ލިބިގެން ނުވާ ކަމަށާއި މިއީ ހުރިހާ ގޮތަކުން ބެލިނަމަވެސް ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ހިލާފްވުން ކަމަށެވެ.

މޮލްޑޯވާގެ ސަރުކާރުން ވަނީ ރަޝިއާ އިން އެ ގައުމަށް ކަނޑައަޅާފައި ހުންނަ ސަފީރު އޮލެގް ވެސްނެޓްސްސޯވް އެ ގައުމުގެ ހާރިޖީ ވުޒާރާއަށް ހާޒިރުކޮށްފައެވެ. މޮލްޑޯވާގެ މައި ސަރުކާރާއި ވަކިވެގަންނަށް މަސައްކަތް ކުރާ ޓުރާންސްނިސްޓްރިއާ ސަރަހައްދުގައި މަސައްކަތް ކުރާ މީހުން ވަނީ ރަޝިއާގެ އެމްބަސީގެ މުވައްޒަފުންގެ އެހީތެރިކާމައި އެކީ އެ ސަރަހައްދުގައި ވޯޓުލުމަށް 6 ވޯޓް ފޮށި ބަހައްޓައިފައެވެ.

ރަޝިއާގެ ދައުލަތުގެ މީޑިއާ އެއް ކަމަށްވާ ޓަސް ނިއުސް އެޖެންސީ އަށް ދިން އިންޓަވިއެއްގައި ސަފީރު އޮލެގް ބުނެފައިވަނީ މޮލްޑޯވާއިން ރަޝިއާގެ ޑިޕްލޮމޭޓުން ބޭރު ކުރީ އެކުވެރި ބީދައިން ނޫން ކަމަށާއި އެކަމަށް މޮސްކޯ އިން ވަރަށް އަވަހަށް ރަސްމީ ޖަވާބެއް ދޭނެ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މުއާހަދާތަކުގެ ދަށުން އެހެން ގައުމުތަކުގެ ޑިޕްލޮމޭޓުންނާއި މެދު ކަަންކަން ކުރަން ޖެހޭނީ އިހްތިރާމާއި އެކު ކަމަށްވެސް ސަފީރު ވަނީ ބުނެފައެވެ.

ރަޝިއާ އިން ޔޫކުރޭނުގައި ކުރަމުންދާ ހަނގުރާމައިގައި މޮލްޑޯވާ އިން ވަނީ ޔޫކުރޭނަށް ފުރިހަމަ ތާއީދު ކުރާ ކަން ހާމަކޮށްފައެވެ. އަދި ރަޝިއާ އިން ޔޫކުރޭނަށް ދެމުންދާ ހަމަލާތައް މޮލްޑޯވާ އިން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.