އިސްރާއީލުން ހިފާފައިވާ ފަަލަސްތީނުގެ އިރުމަތީ ގުދުސް އަދި އިސްރާއީލުގެ ތެލްއަވީވްގެ ހޮސްޕިޓަލުތަކުގައި ފަރުވާ ހޯދަމުންދާ ފަލަސްތީނުގެ ބަލިމީހުންތަކެއް އަނބުރާ ޣައްޒާ އަށް ފޮނުވާލަން އިސްރާއީލުގެ ސަރުކާރުން ނިންމާފައިވާ ނިންމުން އިސްރާއީލުގެ ސުޕްރީމް ކޯޓުން ވަގުތީ ގޮތުން މަޑު ޖައްސާލައިފިއެވެ.

ސުޕްރީމް ކޯޓުން އެ ގޮތަށް ނިންމާފައިވަނީ ފަލަސްތީނުގެ ބަލިމީހުން ޣައްޒާ އަށް ފޮނުވާލުމާއި ދެކޮޅަށް އިސްރާއީލުގެ އެންޖީއޯ އެއް ކަމަށްވާ 'ފިޒީޝަންސް ފޮރ ހިއުމަން ރައިޓްސް' އިން ސުޕްރީމް ކޯޓަށް ހުށައެޅި ޕެޓިޝަނެއްގެ ސަބަބުންނެވެ.

"އަސްކަރީ ހަމަނުޖެހުމާއި އިންސާނީ ކާރިސާއެއްގެ ތެރެއިން ބަލިމީހުން އަނބުރާ ފޮނުވާލުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފު ކަމެއް، އަދި އޭގެ ސަބަބުން ގަސްތުގައި ކުށެއްނެތް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށައެޅިގެން އެދަނީ." އެ ޖަމިއްޔާގެ ތަރުޖަމާނު ބުނެފައި ވެއެވެ.

އެ ޖަމިއްޔާގެ ޕެޓިޝަނަށް ފަހު އިސްރާއީލުގެ ސްޕްރީމް ކޯޓުން ވަނީ ބަލިމީހުންނާއި އެމީހުންގެ ގާތުގައި ތިބި މީހުން ޣައްޒާ އަށް ފޮނުވުން ހުއްޓުވުމަށް ވަގުތީ އަމުރެެއް ނެރެފައެވެ.

އެމީހުން އެނބުރި ޣައްޒާއަށް ފޮނުވާލަން ހަމަޖެހިފައި އޮތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނަމަވެސް ކޯޓުގެ އަމުރާއި އެކު އިސްރާއީލުގެ ސަރުކާރުން ވަނީ އެކަން އެންމެ އަވަސް ވެގެން އަންނަ ހޯމަދުވަހަށް ލަސްކޮށްފައެވެ.

ޣައްޒާ އަށް އަނބުރާ ފޮނުވާލަން ނިންމާފައިވާ ބަލިމީހުންގެ ތެރޭގައި ކުރިން ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ ބަލިމީހުންތަކަކާއި، އިރުމަތީ ގުދުސްގެ މަކައްސަދު ހޮސްޕިޓަލުގައި ދިރިއުޅެމުން އަންނަ އަލަށް ވިހާފައި ތިބި 5 ކުދިންނާއި އެކުދިންގެ މަންމައިން ހިމެނެއެވެ. އެމީހުންނަށް އެ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް އިސްރާއީލުން ހުއްދަ ދީފައިވަނީ އޮކްޓޯބަރު 7 ގެ ކުރިންނެވެ.

ފިޒީޝަންސް ފޮރ ހިއުމަން ރައިޓްސް އިން ބުނެފައިވަނީ މިފަދަ އަމުރުތައް ލިޔުމުން ދޭން ސަލާމަތީ އޮފިޝަލުން ދެކޮޅު ހަދާ ކަމީ މިއީ ގާނޫނުތަކާއި ހިލާފު ކަމެއްކަން ހުދު އެމީހުންނަށްވެސް އެނގޭ ކަމާއި އެކަމުގެ ޒިންމާއިން ރެކެން އުޅޭ ކަމުގެ ހެއްކެތް ކަމަށެވެ.

އެ ސަރަހައްދުގެ ކަންތައްތައް ބަލަހައްޓާ އިސްރާއީލުގެ ސަރުކާރުގެ އިދާރާއިން ބުނެފައިވަނީ ޣައްޒާ އަށް ފޮނުވާލަން ނިންމާފައިވަނީ މިހާރު އިތުރަށް ސިއްހީ ފަރުވާ ބޭނުންނުވާ ބަލިމީހުން ކަމަށެވެ.