އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ މަަސައްކަތަށް ކުރައްވާ "ޝަރުތެއް ނެތް މިނެއް ނެތް ތާއީދު" އެނބުރި ގެންދިއުމަށް އެމެެރިކާގެ ރައީސް ޖޯ ބައިޑަންއަށް ގޮވާލި ޑިމޮކްރެޓިކް ޕާޓީއަށް ފަންޑުކުރާ 100 އަށް ވުރެ ގިނަ ފަރާތްތަކުގެ ތެރޭގައި ފާހަގަ ކޮށްލެވޭ ޔަހޫދީންވެސް ހިމެނޭ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

އިސްރާއީލަށް ބައިޑަން ކުރައްވާ ތާއީދާ ދެކޮޅަށް ޑިމޮކްރެޓްސްއަށް ފަންޑުކުރާ 100 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ބައިޑަންއަށް ސިޓީއެއް ފޮނުވާފައެވެ. ބައިޑަން އިސްރާއީލަށް ކުރައްވާ ތާއީދުގެ ސަބަބުން މިއަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި އޭގެ ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް އެ ސިޓީގައި އިންޒާރު ދީފައި ވެއެވެ.

"ޑިމްކްރެޓިކް ކޯލިޝަންގެ މުހިންމު ބައެއްގެ އަމަލުތަކުގެ ސަބަބުން، ޣައްޒާ ހަނގުރާމަ ދަނީ ޓްރަމްޕުގެ ކާމިޔާބުގެ ފުރުސަތު ބޮޑުކުރަމުން." އެ ސިޓީގައި ބުނެފައި ވެއެވެ.

މިފަދަ ސިޓީއެއް ބައިޑަން އަށް ފޮނުވާފައިވާ އިރު، ބައިޑަން އިސްރާއީލަށް ކުރައްވާ ތާއީދުގެ ސަބަބުން ދާދި ފަހުން އޮތް ރިޔާސީ ޕްރައިމަރީ ތަކުގައިވެސް ގިނަ ބަޔަކު ވަނީ ބައިޑަންއަށް ވޯޓުލާން ދެކޮޅު ހަދާފައެވެ.

"ޑޯނަރުންނާއި އެކްޓިވިސްޓުންގެ ގޮތުގައި އަހަރެމެން މިދަނީ ބައިޑަންއަށް ވޯޓުލާން ދާ މީހުންގެ އަދަދު ގިނަ ކުރުމަށް، ހާއްސަކޮށް ޒުވާނުންނާއި ކުލައިގެ މީހުންގެ އަދަދު ގިނަކުރުމަށް ވަރަށް ގިނަ ވަގުތާއި ފައިސާ ހަރަދު ކުރަމުން. ޑިމޮކްރެޓިކް ޕާޓީން އެމީހުންގެ އުސޫލުތައް ހިއްސާ ކުރޭތޯ ވޯޓުލާ ގިނަ ބަޔަކު މިހާރު ދަނީ ސުވާލު އުފައްދަމުން." އެ ސިޓީގައި ބުނެފައި ވެއެވެ.

އެ ސިޓީގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެމެރިކާގައި ހިންގާ ޔަހޫދީންގެ ޖަމިއްޔާތަކަށް ފަންޑު ކުރާ ފާހަގަ ކޮށްލެވޭ ޔަހޫދީންވެސް ހިމެނޭ ކަމަށް އިސްރާއީލުގެ ނޫހެއް ކަމަށްވާ ދަ ޓައިމްސް އޮފް އިސްރާއީލުން ވަނީ ރިޕޯޓު ކޮށްފައެވެ.

ހަމާސްއިން އޮކްޓޯބަރު 7 ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާގައި ހަނގުރާމައިގެ ޖަރީމާތައް ހިމެނޭ ކަމަށާއި އަދި އެ ހަމަލާއަށް ފަހު އިސްރާއީލަށް އަމިއްލަ ދިފާއުގައި ތެދުވުމުގެ ހައްގު ލިބިގެންވާ ކަމަށާއި، ހަމާސް ނައްތާލާ ރަހީނުން މިނިވަން ކުރުމުގެ އަޒުމަށް ތާއީދު ކުރާ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، އިސްރާއީލުން އެއްވެސް ހަމައެއް ލަމައެއް ނެތި ޣައްޒާއަށް ބޮން އަޅަމުންދާ ކަމާއި، ރޭވުންތެރިކަމާއި އެކު މުޅި ޣައްޒާ ސުންނާފަތި ކޮށްލަމުންދާ ކަންވެސް ސިޓީގައި ފާހަގަ ކޮށްފައި ވެއެވެ.

"ދެރަކަމަކީ ރައީސް ބައިޑަން ވަނީ އިސްރާއީލުގެ އޮޕަރޭޝަނަށް ޝަރުތަކާއި ނުލައި ތާއީދު ކޮށްފައިކަން."

"އަހަރެމެން މިގޮވާލަނީ ބައިޑަންގެ ސަރުކާރުން މިހާރުން މިހާރަށް މިސްރާބު ބަދަލު ކުރުމަށް." ސިޓީގައި ވެއެވެ

އަދި އިސްރާއީލަށް އިތުރު އަސްކަރީ، މާލީ އަދި ޑިޕްލޮމެޓިކް އެހީ ދިނުމުގައި ޝަރުތު ކަނޑައަޅައި، އެކަންތައްތައް ރަނގަޅަށް މޮނީޓަރ ކުރަންވެސް އެ ސިޓީގައި ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުޙައްމަދު

    ބަލަ ޖަނަވާރުންތަކާ. ހުރިހާ ޔަހޫދީން އެއްގޮތެއް ނުވާނެ. ޔަހޫދީނެގެ ތެރޭގައިވެސް އިންސާނިއްޔަތުކަން ހުރި މީހުން ތިބޭނެ. ކަލޭ މަޖޫސީ އަކަށްވިޔަސް ނެތެއްނު އިންސާނިއްޔަތުގެ ކަންފުޅެއްވެސް. ތި ޖަނަވާރު ނުހޮވުނިއްޔާ ކިތަންމެހާވެސް ރަގަޅު

    18
    2
    • ޙަޤީޤަތަކީ މިއީ

      ތި ޖަނަވާރު ނުހޮވުނަސް ދެން އަރަން ހުރީ ވެސް ވަކި ސަަހަލު ޖަނަވާރެއް ނޫން. ތިޔަ ކަމަކީ މުސްލިމުން އިންދަޖައްސާފައި އަބަދު ބޭއްވުމަށް އެމެރިކާއިން ހަދާފައިވާ މާސްޓަރ ޕްލޭން އެޕްލޭނައި ކުޅޭކަށް އެމެރިކާގެ ރައީސަކަށް އަންނަ އެއްވެސް މީހަކަށް ނުކުރޭނެ. ޔަހޫދީންނަށް އެމެރިކާގެ ރައީސުންނާއި ސަރުކާރުން ފަންޑުކޮށް ވާގިވެރިވަނީ މިސަބަބާހެދި. އެއީ އެމީހުންގެ ގައުމިއްޔާތުގެ އެއްބައި. މުސްލިމުން އެކަތިގަނޑަކަށް ވެއްޖެނަމަ މުޅިދުނިޔޭގެ އެންމެ ބާރުގަދަ ބަޔަކަށް މުސްލިމުން ވާނެތީ އެކަން ވިޔަ ނުދޭނެ ތިޔަ ޔަހޫދީ ބައިގަނޑު.