ފަލަސްތީނުގެ ޣައްޒާ ސިޓީގައި ހުންނަ ޝިފާ ހޮސްޕިޓަލަށް ބޮން އަޅާނެ ކަމުގެ އިންޒާރު އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ސިފައިން ދީފިއެވެ.

ޣައްޒާގެ ރަފަހުގައި ހުރި އަލް-ޖަޒީރާގެ ނޫސްވެރިޔާ ހާނީ މަހްމޫދު ބުނީ ޝިފާ ހޮސްޕިޓަލްގެ ތެރޭގައި ތިބި ހުރިހާ އެންމެން އެ ހޮސްޕިޓަލުން ނުކުތުމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން އިންޒާރު ދީފައިވާ ކަމަށެވެ. އެހެން ނޫނީ އެ ތަނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައިވާ ކަމަށް ނޫސްވެރިޔާ ބުންޏެވެ.

އެ ނޫސްވެރިޔާ ކިޔައި ދިން ގޮތުގައި އިސްރާއީލްގެ ވިސްނުން ހުރީ ޝިފާ ހޮސްޕިޓަލް އެއްކޮށް ސުންނާފަތިކޮށްލުމަށެވެ.

ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި އިސްރާއީލުން މިހާރު ވަނީ ޝިފާ ހޮސްޕިޓަލްގައި ބޭނުން ކުރާ ސްޕެޝަލިސް ކެއާ އިމާރާތަށް ބޮން އަޅައި އެ އިމާރާތް ބިމާ ހަމަކޮށްލައިފައެވެ. އިސްރާއީލް ސިފައިން މިދިޔަ ހޯމަ ދުވަހު ޝިފާ ހޮސްޕިޓަލް ރެއިޑް ކުރަން ފެށީ ހަމާސްގެ މުޖާހިދުންތަކެއް އެ ހޮސްޕިޓަލްގެ ތެރޭގައި ހިޔާވަހިކަން ހޯދަމުން އަންނަ ކަމުގެ އިންޓަލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެއެވެ.

އިސްރާއީލް ސިފައިން އެ ހޮސްޕިޓަލަށް ވަދެ ހިންގި ރެއިޑްގައި ފަލަސްތީނުގެ 90 މީހުން ޝަހީދުކޮށްލި އިރު، 300 މީހުންނާ ސުވާލުކޮށްފައިވެއެވެ. އަދި އިސްރާއީލް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އޭގެ ތެރެއިން 160 އަށް ވުރެ ގިނަ މީހުންނެވެ.