ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ އެކި ހިސާބުތަކަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 65 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ ދެކުނުގެ ބޮޑު ސަރަހައްދަކަށް އިސްރާއީލުން ވައިގެ ހަމަލާތައް ދެމުންދާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ނިރުބަވެރިން ފަލަސްތީނުގެ 65 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ޣައްޒާ ސިޓީގެ އަލް ޝިފާ ހޮސްޕިޓަލަށް އިސްރާއީލުން ޙަމަލާ ދޭން ފެށިތާ ހަތަރު ދުވަސްވެފައިވާއިރު، އަލް ޝިފާ ހޮސްޕިޓަލްގައި ހިޔާވަހިކަން ހޯދާފައިވާ ފަލަސްތީނުގެ ދިހަވަރަކަށް މީހުން ޝަހީދުކޮށްލާފައެވެ. އިސްރާއީލުން މިދިޔަ ހޯމަދުވަހު އަލްޝިފާ ހޮސްޕިޓަލަށް ވަދެގަތް އިރު އެތައް ބަޔަކު ދިޔައީ ހޮސްޕިޓަލުގައި ފަރުވާ އާއި ހިޔާވަހިކަން ހޯދަމުންނެވެ.

އިސްރާއީލުން ސިފައިން ކުރިންވެސް ވަނީ އަލް-އަމަލް ހޮސްޕިޓަލަށް ވަދެ، އެތަނުގައި ހިމާޔަތް ހޯދަމުންދާ ގެދޮރު ގެއްލިފައިވާ މީހުން ހަތިޔާރު ދައްކައިގެން ހުސްކުރުމަށް ގޮވާލަފަވެއެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 31،923 މީހުން ޝަހީދުވެ 74،096 މީހުން ޒަޚަމްވެފައިވާއިރު، އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން ދިން ހަމަލާގައި އިސްރާއީލުގައި މަރުވި މީހުންގެ އަދަދު އިސްލާހުކޮށްފައިވަނީ 1،139އެވެ.

ހަމާސް ނައްތާލުމުގެ ގޮތުން އިސްރާއީލުން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ސެނެޓަރުންނަށް ވަނީ ވިދާޅުވެފައެވެ.