އިސްރާއީލުގެ އަސްކަރިއްޔާ އިން މެދުނުކެނޑި ފަލަސްތީނުގެ ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލަށް ހަމަލާތައް ދެމުންދާ ކަމަށް އަލް ޖަޒީރާ އިން ރިޕޯޓް ކޮށްފިއެވެ.

ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލް ކައިރީގައި ހަރަކާތްތެރި ވަމުން އަންނަ އަލް ޖަޒީރާގެ ނޫސްވެރިން މައުލޫމާތު ދީފައިވާ ގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާ އިން ދަނީ ހަމަލާތަކުގައި ޒަހަމްވީ މީހުންނަށް ސިއްހީ ހިދުމަތް ދިނުމަށް އެމީހުންނާއި ހަމައަށް ދިއުމަށް ސިއްހީ އެހީތެރިންނަށް ހުރަސް އަޅަމުންނެވެ. އަދި އިސްރާއީލުގެ އަސްކަރިއްޔާ އިން ދަނީ އެމްބިއުލާންސް ތަކަށް ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވުމަށް ހުރަސް އަޅަމުންނެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ގިނަ އަދަދެއްގެ ފަލަސްތީނުގެ އާންމު ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ދައުލަތުގެ މީޑިއާ ކަމަށްވާ ވަފާ ނިއުސް އެޖެންސީން ވަނީ ރިޕޯޓު ކޮށްފައެވެ. އިސްރާއީލުގެ ޔަހޫދީ އަސްކަރިއްޔާ އިން މ އަލް ޝިފާ ހޮސްޕިޓަލަށް ހަމަލާ ދެމުންދަނީ މިސައިލާއި، ބޮޑު ބަޑީގެ އިތުރުން ބަޑި ބޭނުން ކޮށްގެންނެވެ.

ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 100 އަށް ވުރެ ގިނަ ފަލަސްތީނުގެ އާންމު ރައްޔިތުން ޝަހީދުވެފައިވާ ކަމަށް އަލް ޖަޒީރާ އިން ވަނީ ރިޕޯޓް ކޮށްފައެވެ.

ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގެ ފަހުން ފަލަސްތީނުން ވަނީ ކުށެއް ނެތް 33،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައެވެ. މިއީ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާ ހަނގުރާމަ އެކެވެ. ޔަހޫދީން ދަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދުނިޔެއިން ޣައްޒާ އަށް ފޮނުވަމުންދާ އެހީތައްވެސް ޣައްޒާ އަށް ވެއްދިޔަ ނުދީ ހިފަހައްޓަމުންނެވެ.

ޔަހޫދީ އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ސެނެޓަށް ބުނެފައިވަނީ އެއްވެސް ސުލްހައިގެ އެއްބަސްވުމެއް އިސްރާއީލުން ބަލައި ނުގަންނާނެ ކަމަށާއި އިސްރާއީލުން ހަމަ އެކަނި ގަބޫލުކުރާނެ ނަތީޖާ އަކީ ހަނގުރާމަ އިން މޮޅުވުން ކަމަށެވެ. ހަމާސް ޖަމާއަތް ޣައްޒާ އިން އެއްކޮށް ބަލިކުރެވެންދެން އިސްރާއީލުން ހަނގުރާމަ ކުރާނެ ކަމަށްވެސް އޭނާ ވަނީ ތަކުރާރުކޮށް ބުނެފައެވެ.