އިސްރާއީލަށް ހަތިޔާރު ވިއްކާ ކުންފުނިތަކާއި މެދު ފިޔަވަޅު އަޅަން ވިސްނަމުން ދާ ކަމަށް އެ ނޯވޭގެ ސޮވެރިން ފަންޑުގެ ޗެއަރޕާސަން ރިޗާޑް ބުރޭންޑްޓަގަޒް ބުނެފިއެވެ.

ނޯވޭ އަކީ ދުނިޔޭގެ އެންމެ ބޮޑު ސޮވެރިން ފަންޑް އޮންނަ ގައުމެވެ. 'ނޯވޭ ވެލްތް' ގެ ނަމުން މަޝްހޫރުވެފައިވާ އެ ފަންޑުގައި 1.6 ޓުރިލިއަން އެމެރިކާ ޑޮލަރު ހުރެއެވެ. އެ ފަންޑުގެ އެތިކްސް ކައުންސިލުން މިހާރު ދަނީ އެ ފަންޑުން އިންވެސްޓް ކުރި ބައެއް ކުންފުނިތަކުން ޣައްޒާ ހަނގުރާމައިގައި ބޭނުން ކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާ އަށް ހަތިޔާރު ވިއްކިތޯ ބަލަމުންނެވެ.

ހަނގުރާމައިގެ މައިދާނުގައި ބޭނުން ކުރުމަށް ހަތިޔާރުގެ ވިޔަފާރި ކުރުމަކީ ނޯވޭ ފަންޑުގެ އެތިކްސް އާއި ހިލާފު ކަމެއް ކަމުން އެ ފަންޑްގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކުން މި ފަދަ އަމަލެއް ހިންގާފައިވޭތޯ ބަލަމުންދާ ކަމަށާއި، އަދި އެފަދަ އަމަލެއް ހިންގާފައިވާ ނަމަ އެ ކުންފުންޏަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި އަދި މުސްތަގުބަލްގައި އެ ކުންފުންޏަކާއި އެކީ ނޯވޭ ވެލްތް ފަންޑުން އެއްވެސް ކަހަލަ ވިޔަފާރީގެ މުއާމަލާތެއް އިތުރަށް ނުހިންގާނެ ކަމަށް ވެސް އެ ފަންޑުން ވަނީ ބުނެފައެވެ.

" އަހަރެމެން މިހާރު މިދަނީ ތަހްގީގުތަކެއް ކުރިއަށް ގެންދަމުން. ބައިނަލް އަގުވާމީ މާލީ ގަވާއިދުތަކާއި ހަނގުރާމަތަކާއި ބެހޭ މުއާހަދާތަކާއި ހިލާފަށް އެއްވެސް ކަހަލަ ވިޔަފާރީގެ މުއާމަލާތެއް ކޮށްފައިވޭތޯ އަހަރެމެން ވަރަށް ކައިރިން ބަލަމުންދާނަން. މިއީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ދެކިގެން އަހަރެމެން މި ތަހުގީގު ކުރިއަށް މި ގެންދަނީ. އިސްރާއީލުގެ ކުންފުނިތަކާއި މެދު ކުރިއަށް ވުރެ ބޮޑަށް މިހާރު އެބަ ބަލަން އަހަރެމެން." ރިޗާޑް ބުނެފައިވެއެވެ.

ނޯވޭ ވެލްތް ފަންޑުން މީގެ ކުރިން ވެސް ވަނީ ފަލަސްތީނުގެ ސަރަހައްދުތަކުގައި އެކި އެކި ހަރަކާތްތައް ހިންގި އިސްރާއީލުގެ 9 ކުންފުންޏަކާއި އެކީ އޮތް ވިޔަފާރީގެ ގުޅުން ކަނޑާލައި، އެ ކުންފުނިތަކުގައި އިންވެސްޓް ކުރުން ހުއްޓާލާފައެވެ. އެ ކުންފުނިތަކުން ބައިވެރިވި ހަރަކާތްތަކުގެ ތެރޭގައި އިސްރާއީލުން ގަދަކަމުން ހިފާފައިވާ ފަލަސްތީނުގެ ބިމުގައި ޔަހޫދީން އާބާދުވުމަށް ގެ ތަކެއް އެޅުމާއި، އިސްރާއީލާއި ޣައްޒާ ވަކިކުރަން ހެދި ފާރުގައި ހަރުކުރަން ސަވެއިލެންސް ސިސްޓަމް ތަކެއް ހޯދައިނުން ވެސް ހިމެނެއެވެ