އިސްރާއިލުން ތުރުކީގެ ޑެޕިއުޓީ ސަފީރު އެ ގައުމުގެ ފޮރިން މިނިސްޓްރީ އަށް ހާޒިރު ކޮށްފިއެވެ.

އިސްރާއީލުގެ ފޮރިން މިނިސްޓަރު އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ތުރުކީން އެ ގައުމަށް ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ ސަފީރު މިއަދު އޭނާގެ އޮފީހަށް ހާޒިރުކޮށްފައި ވާނެ ކަމަށެވެ. އިސްރާއީލުން ތުރުކީގެ ޑެޕިއުޓީ ސަފީރު ހާޒިރު ކޮށްފައި މިވަނީ ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން އިސްރާއީލުގެ ޔަހޫދީ ބޮޑު ވަޒީރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވާތީއެވެ.

ތުރުކީގެ ރައީސް އުރުދުޣާން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ތުރުކީގައި އޮތް އިންތިހާބީ ބައްދަލުވުމެއްގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އުރުދުޣާން ވަނީ ނަތަންޔާހޫގެ ކަންތައް ބަލާނީ އެންމެ މަތިވެރިވި އެންމެ ހާލިގުވަންތަ ރަސްކަލާގެ ކަމަށް ވިދާޅުވެ މާތް ﷲ ނަތަންޔާހޫ އަށް ލައުނަތް ލައްވާ އޭނާގެ ކަންކަމުގައި ބަރަކާތް ކެނޑުއްވުން އެދި ދުއާ ކުރައްވާފައެވެ.

މިކަމުގެ ސަބަބުން އިސްރާއީލުގެ ސަރުކާރުން ވަނީ ވަރަށް ބޮޑަށް ރުޅި އައިސް ނުރުހުން ފާޅު ކޮށްފައެވެ. އެގޮތުން ޔަހޫދީންގެ ދައުލަތް އިސްރާއީލުގެ ފޮރިން މިނިސްޓަރު ވަނީ އެކްސްގައި ރައީސް އުރުދުޣާނަށް އަމާޒުކޮށް ވަރަށް ހޫނު ރައްދެއް ދީފައެވެ.

" އުރުދުޣާނަކީ ނިރުބަވެރިކަމަށް ތާއީދުކުރާ އަނިޔާވެރިއެއް. އޭނާ އަށް ހަމާސް އިން ހިންގާ އަނިޔާވެރި އަމަލުތައް ރަނގަޅު، އެހެންވީމާ އޭނާ އަކީ ހަމާސް އާއި އެއްފަދަ މީހެއް. އުރުދުޣާން އަކީ ހަމާސް އަށް ތާއީދުކުރާ ހަމާސްގެ މަދަދުވެރިއެއް." އިސްރާއީލުގެ ފޮރިން މިނިސްޓަރު އިސްރެއިލް ކަޓްޒް އެކްސް ގައި ބުނެފައިވެއެވެ.

ތުރުކީގެ ރައީސް އުރުދުޣާން ފާހަގަވެފައިވަނީ އިސްލާމީ ދުނިޔޭގައި ފަލަސްތީނުގެ މައްސަލައިގައި އިސްރާއީލަށް އެންމެ ބޮޑަށް ފާޑުވިދާޅުވަ ލީޑަރު ގެ ގޮތުގައެވެ. މި ކަމުގެ ސަބަބުން އެމަނިކުފާނު ވެފައިވަނީ އިސްލާމީ ދުނިޔޭގައި އިސްރާއީލުން އެންމެ ޖެހިލުންވާ އަދި އެންމެ ނަފްރަތުކުރާ ލީޑަރަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރާނީ

    އިސްރާއީލުގެ އަނިޔާވެރި ޖަރީމާތަކަށް ތާއިދު ނުކުރާ އެންމެންކީ ނިރުބަވެރިންތަ؟ އެހެންތަ ތި ބުނަނީ؟

  2. ޖާބިރު

    ޔާ ﷲ ނަތައްޔާހޫ އާއި އޭނާގެ ދަރިފަސްކޮޅަށްވެސް ލައުނަތް ލައްވާންދޭ

    29
    1
  3. ފާޒް

    އަސްލު ބާރުގަދަ އަސްކަރިއްޔާއަކާއި ކުރިމަތިލާންޖެހިއްޖެ ނަމަ މިވެރިންނަށް އޮންނަނީ އަބަދުވެސް ބަހުގެ ހަމަލާދެވެނެ. އެކަމަކު ނިކަމެތި ޔަމަން ނުވަތަ ސީރިޔާ ކަހަލަ ބަލިކަށި ގައުމަކަށް ހަމަލާދޭން ޖެހިއްޖެއިޔާ މޭފުއްޕާލާފަ ގޮސް ބޮންއަޅާލާނެ.

    10
  4. ޖުހާ.

    ބޮޑު އަނގައެއް.

  5. މޯޑް

    ތިޔަ ބުނާ އުރުދޮގަން އަކީ ފައްކާ ހިޔަޅެއް...އެއްވެސް ކަމެއްކުރަން ކެރޭ މީހެއްވެސްނޫން ، ނިކަމެތި މުސްލިމުން މެރުން ފިޔަވާ..

    2
    1