ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ހުރަސް އެޅުން ކުށްވެރި ކުރައްވާ ހަނގުރާމަ ހުއްޓާލުމަށް އދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ގޮވާލައްވައިފިއެވެ.

ފަލަސްތީނުގެ ވެރިރަށް ރަފާ ކްރޮސިންއަށް ކުރެއްވި ޒިޔާރަތުގައި އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، ފަލަސްތީނުގެ ޣައްޒާގެ ބޯޑަރު ސަރަހައްދުގައި މިސްރުގެ ބޯޑަރު ސަރަހައްދުގައި ތާށިވެފައިވާ އެހީގެ ޓްރަކްތައް ނުވައްދައި ހިފެހެއްޓުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ.

"މިތާނގައި، މި ކްރޮސިންއިން އަޅުގަނޑުމެންނަށް ފެންނަނީ، އެ ހުރިހާ ކަމެއްގެ ހިތާމައާއި ހިތްދަތިކަން. ގޭޓުގެ އެއްފަރާތުގައި ބްލޮކްކޮށްފައި ހުރި ރިލީފް ޓްރަކްތަކުގެ ދިގު ލައިންއެއް، އަނެއްކޮޅުން ބަނޑުހައިހޫނުކަމުގެ ދިގު ހިޔަނި،" އޭނާ ވިދާޅުވިއެވެ.

ރަމަޟާން މަހު މުސްލިމް ޤައުމުތަކަށް ކޮންމެ އަހަރަކު ކުރައްވަމުން ގެންދަވާ "އެއްބައިވަންތަކަމުގެ ދަތުރުފުޅުގެ" ތެރެއިން ގުޓެރޭސްގެ މި ދަތުރުފުޅަކީ ފަސް މަހަށްވުރެ ގިނަ ދުވަހުގެ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ޣައްޒާއަށް އިންސާނީ އެހީތެރިކަން އިތުރުކުރުމަށް އިސްރާއީލަށް ބައިނަލްއަޤްވާމީ ޕްރެޝަރު ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެއްގައި ކުރެއްވި ދަތުރުފުޅެކެވެ.

"[ޣައްޒާގެ ހަނގުރާމަ] ހުއްޓުވުމުގެ ބާރެއް އަހަރެންގެ އަތަކު ނެތް، އެކަން ހުއްޓުވުމުގެ ބާރު ލިބިފައިވާ ފަރާތްތަކަށް އަޅުގަނޑު އިލްތިމާސް ކުރަން އެކަން ކުރުމަށް،" އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާގެ ވަށާލާފައިވާ ސްޓްރިޕްގައި ބަނޑުހައިހޫނުކަމުގެ އިންޒާރުތައް އިތުރުވަމުންދާއިރު، އިސްރާއީލުން ޣައްޒާއަށް ދޭ އެހީތައް ގަސްތުގައި ހުއްޓުވާކަމަށް ބައެއް އެންޖީއޯތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ތުހުމަތުކުރެއެވެ.
އެލް އާރިޝްގެ އެއާޕޯޓުން ގުޓެރޭސްއަށް މަރުހަބާ ދަންނަވަމުން ރީޖަނަލް ގަވަރުނަރު މުހައްމަދު ޝުޝާ ވިދާޅުވީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އުތުރު ސިނާއީގައި ގާތްގަނޑަކަށް 7،000 ޓްރަކް އިންތިޒާރު ކުރަމުން އަންނަ ކަމަށާއި ނަމަވެސް އިޒްރޭލުން އެދުނު އިންސްޕެކްޝަން ޕްރޮސީޖާތަކުގެ ސަބަބުން ރިލީފް ގެނައުން ހުއްޓިފައިވާ ކަމަށެވެ.
އދ.ގެ ޗީފް ވިދާޅުވީ، ޣައްޒާގެ އެކި ކަންކޮޅުތަކުގައި އިންސާނީ ވަސީލަތްތައް ހުއްޓުމެއްނެތި ފޯރުކޮށްދިނުމަށް މިއީ އިސްރާއީލުން "ކޮމިޓްމަންޓެއް" ދޭންވީ ވަގުތު ކަމަށާއި، ޣައްޒާއަށް އެހީ ގެނައުމުގެ ކަންކަން "ސްޓްރީމްލައިން" ކުރުމަށް އދއިން ވެސް މިސްރާއެކު މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.
އިޒްރޭލުން ވަނީ ޣައްޒާއަށް ވަންނަ އެއް ދޮރު ފިޔަވައި އެހެން ހުރިހާ ތަނެއް ބަންދުކޮށްފަ އެވެ. މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ރަފަހް ކައިރީގައި އޮންނަ ކަރެމް އަބޫ ސަލީމް ކްރޮސިން (އިޒްރޭލުން ކެރެމް ޝަލޯމް ގެ ނަމުން ނަން ދީފައިވާ) ހުޅުވައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ލަސްކޮށްފައިވާ ކަމަށް މިސްރާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާއި އދ.ގެ އިދާރާތަކުން ކުރާ ތުހުމަތުތައް އެ ގައުމުން ދޮގުކުރެއެވެ.
މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ކުރިއަށް ގެންދާ އަސްކަރީ ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ 32،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ވަނީ ބުނެފައެވެ.
ގުޓެރޭސް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ހިނގަމުންދާ ހަނގުރާމައަކީ އެ ސަރަހައްދުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އޮތް ހުރަހަކަށް ވެފައިވާ ކަމަށާއި، އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ބޮމުގެ ހަމަލާތަކުގައި އެހީ ބަހާ ތަންތަނުގައި މީހުންނާއި އިންސާނީ ހިދުމަތްތެރިން މަރުވެފައިވާ ކަމަށެވެ.