ދުނިޔޭގައި މިހާތަނަށް އުފައްދާފައިވާ އެންމެބޮޑު އަދި އެންމެ އަގުބޮޑު ޕްރައިވެޓް ޖެޓް ގަތަރުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއަށް ހަދިޔާ ކޮށްފިއެވެ.

ރިޕޯޓުތަށް ބުނާގޮތުގައި ގަތަރުގެ އަމީރު ޝައިޚް ތަމީން ބިން ހަމަދު އައްޘާނީ، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާންއަށް ހަދިޔާ ކޮށްފައިވަނީ ބޮއިންގް 747 ގެ މަތިންދާ ބޯޓެކެވެ. މިމަތިންދާ ބޯޓުގެ އަގު 367 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

ޖުމްލަ 94 މީހުންނަށް ދަތުރުކުރެވޭ, 76 ފަސިންޖަރުންނާއި، 18 ކްރޫންނަށް ތިބެވޭ މިމަތިންދާ ބޯޓުގައި ކޮޓަރިތަކަކާއި މީޓިން ރޫމާއި ހޮސްޕިޓަލެއް ވެސް އެކުލެވެއެވެ. މިމަތިންދާ ބޯޓަކީ ގަތަރު އަމީރީ ފްލީޓުގައި ގައި ކުރިން ބޭނުންކޮށްފައިވާ މަތިންދާ ބޯޓެކެވެ.

ސަލާމަތީ ވަރުގަދަ އާލާތްތަކާއި، ކެމެރާވެސް މިމަތިންދާ ބޯޓްގައި ގާއިމްކޮށްފައި ވާއިރު، މި ބޯޓަކީ ކުރިން ގަތަރުގެ ޝާހީ އާއިލާގެ މެމްބަރުންނާއި، ގަތަރު ސަރުކާރުގެ އިސް އޮފިޝަލުން ދަތުރުކުރެއްވުމަށް ޚާއްސަކޮށްފައިވާ ބޯޓެކެވެ.

ގަތަރުން ހަދިޔާ ކުރި މި ބޯޓު މިހާރުވަނީ ތުރުކީއަށް ގެންގޮސްފައެވެ. މަތިންދާ ބޯޓް ޖައްސާފައިވަނީ އިސްތަމްބޫލްގެ ސަހިބާ ގޮކްސެން އިންޓަރނޭޝަނަލް އެއަރޕޯޓްގައެވެ.

މި މަތިންދާ ބޯޓު ތުރުކީ އަށް ހަދިޔާ ކޮއްފައި މިވަނީ ދާދިފަހުން މެދުއިރުމަތީގެ ބައެއް ގައުމުތަކުން ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު އެ ގައުމާ ދެކޮޅަށް ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން ތުރުކީން ގަތަރަށް އެހީވެފައި ވަނިކޮށެވެ.

މީގެ އިތުރުން ތުރުކީގެ ފައިނޭންޝަލް މާކެޓާއި ބޭންކިން ދާއިރާގައި 15 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ ވަނީ މިދިޔަ މަހު ހާންމަކޮއްފައެވެ.