މިއަހަރުގެ ކުރީ ކޮޅު އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާއިން ޣައްޒާގެ ކުޑަކުއްޖަކު ޝަހީދުކޮށްލި ކަމުގެ ރިޕޯޓުތަކާއެކު އެކަންތައްތަކުގައި ޖަވާބުދާރީވުމަށް އެމެރިކާއިން އިސްރާއީލުގެ ކިބައިން އެދެފިއެވެ.

ޖެނުއަރީ މަހުގެ ފަހުކޮޅު، ހިންދު ރަޖަބު ކިޔާ ކުޑަ އަންހެން ކުއްޖަކު މީހުން ސަލާމަތް ކުރާ މީހުންނަށް ގުޅައި، ސަލާމަތް ކުރުމަށް އެދި އެތައް ގަޑިއިރަކު އާދޭސް ކުރުމަށްފަހު، އެ ކުއްޖާ ސަލާމަތް ކުރަން ދިޔަ އެމްބިއުލެންސަކަށް އިސްރާއީލުގެ އަސްކަރިއްޔާއިން ގަސްތުގައި ހަމަލާ ދީފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ވަނީ ބުނެފައެވެ.

ހިންދުގެ ފޯނު ކޯލުގެ ރެކޯޑިން އާންމު ވެފައިވާ އިރު، ހިންދު ވާހަކަ ދައްކަމުން ދިޔަ އިރުވެސް ބަޑި ޖަހަމުންދާ އަޑު އިވެމުން ދެއެވެ.

އާއިލާގެ މެމްބަރުންނަށް ހިންދުގެ ފުރާނަ ނެތް ހަށިގަނޑު ފެނިފައިވަނީ ޣައްޒާ ސިޓީގެ ތެލް އަލް ހަވާ ސަދަހައްދުގައި ހިންދު ދަތުރު ކުރަމުން ދިޔަ ކާރުގެ ތެރެއިންނެވެ. ހިންދުގެ ހަށިގަނޑާއެކު ހިންދުގެ ބޮޑުދައިތަގެ ދެމަފިރިންނާއި އެމީހުންގެ ތިން ދަރިންގެ ހަށިގަނޑުވެސް ވަނީ ފެނިފައެވެ. ހިންދުގެ އާއިލާއިން ބުނެފައިވާ ގޮތުގައި އެ މީހުން ދަތުރު ކުރަމުން ދިޔަ ކާރު ވަނީ ބަޑީގެ އުންޑަތަކުގެ ލޯވަޅުތަކުން ފުރިފައެވެ.

ހިންދު ސަލާމަތް ކުރަން ދިޔަ ރެޑް ކްރެސެންޓުގެ މެމްބަރުންވެސް ވަނީ ޝަހީދުކޮށްލާފައެވެ.

އެ ހާދިސާ ހިނގިތާ ގިނަ ދުވަސް ނުވެ އެ ހާދިސާ ހިނގައިދިޔަ ގޮތް އޮޅުން ފިލުވައިދިނުމަށް އިސްރާއީލުގެ ކިބައިން އެދިފައިވާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ ތަރުޖަމާނު މެތިއު މިލަރ ބުނެފައި ވެއެވެ. އަދި އެއަށްފަހު އިސްރާއީލުގެ އަސްކަރިއްޔާއިން އެ ހާދިސާ ތަހުގީގު ކޮށްފައިވާނެ ކަމަށް އިސްރާއީލުން ބުނެފައިވާ ކަމަށާއި، އެ ހާދިސާ ހިނގި ވަގުތު ހާދިސާ ހިނގި ސަރަހައްދުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ހަރަކާތްތެރިވެފައި ނުވާ ކަމަށް ތަހުގީގުތަކުން ހާމަވެފައިވާ ކަމަށް މިލަރ ބުނެފައި ވެއެވެ.

ނަމަވެސް ހިންދު ޝަހީދު ކޮށްލާފައިވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން ކަމަށް މަޝްހޫރު ނޫސް ވޮޝިންގްޓަން ޕޯސްޓްއިން ރިޕޯޓު ކުރުމާއެކު އިސްރާއީލުގެ ސަރުކާރުގެ ކިބައިން އަނެއްކާވެސް އެކަން އޮޅުންފޮލުވައިދިނުމަށް އެދޭނެ ކަމަށް މިލަރ ވަނީ ބުނެފައެވެ.

"އަހަރެމެން އަނެއްކާވެސް އިސްރާއީލުގެ ސަރުކާރުގެ ކިބައިން އިތުރު މައުލޫމާތު ދިނުމަށް އެދޭނަން." މިލަރ ބުނެފައި ވެއެވެ.

ހިންދު ޝަހީދު ކޮށްލި ހާދިސާގެ ފުރިހަމަ ތަހުގީގަކަށް އެމެރިކާ އިން މަރުހަބާ ކިޔާނެ ކަމަށްވެސް އެމެރިކާ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަހާ

    ޔާރައްބީ ހަމައެންމެކުއްޖެއް އިސްރާއީލުން މަރާލީ....! ދެންމަރުވި އެތައްހާސްކުދިންނަކާއި އަންހެނުންނެއް އަދި މުސްކުޅިންހިމެނޭހެން 34000 މީހުންނަކީ ޖަވާބުދާރީންވާންޖެހޭ ކަ،ެއްނޫންތާ...! އެމެރިކާގަ އަމުދުން ލަދެއް ހަޔާތެއްވެސްނުވާކަން މިފަދަކޮންމެކަމަކުންއެގިގެންދަނީ. އިރާދަކުރެއްވިއްޔާ ހިތިނިމުމެއް ދައްކަވާނެ.

    36
  2. احمد

    ފަލަސްތީނުގެ، އެއްވެސްހަތިޔާރެއްނެތް
    އާއްމު އެތަށްހާސްރައްޔިތުން ވަރައްއިހާނެތިކޮށް ކުޑަކުއްޖެއް މުސްކުޅިއެއްބެލުމެއްނެތި ޖައްބާރުޔަހޫދީން
    ލައްވާ އެނުބައިޖަރީމާހިންގުވާފާ ދުނިޔެއަށްދައްކަން ޖަވާބުދާރީއޭ ކިޔާއިރު
    މިނުބައިނުލަފާ މުޖުރިމުންޖަވާބުދާރީ
    ކުރެވޭނެ ގޮތެއްނެއްކަމަށް جبٌار މެއެމެރިކާހީނުކުރަނީތަ، ހަލާކުހުރި