މިދިޔަ ހަފްތާ ބަންދުގައި އިރާނުން އިސްރާއީލަށް ދިން ވަރުގަދަ ހަމަލާ ހުއްޓުވަން އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު ހަރަދެއް ހިނގި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު އިރާނުން އިސްރާއީލަށް ދިން ތާރީހީ ހަމަލާ ހުއްޓުވަން ކުރި މަސައްކަތް ކާމިޔާބު ވެފައިވާ ކަމަށް ބުނެ އިސްރާއީލާއި އިސްރާއީލުގެ އެކުވެެރިން ވަނީ އުފާ ފާޅުކޮށްފައެވެ. ނަމަވެސް އިރާނުގެ ވަރުގަދަ ހަމަލާ ހުއްޓުވަން އެެއް ބިލިއަން ޑޮލަރަށްވުރެ ބޮޑު ހަރަދެއް ހިނގާފައިވާ ކަމަށް ބްލޫމްބާގް ނޫހުން ވަނީ ރިޕޯޓު ކޮށްފައެވެ.

އިރާނުގެ ހަމަލާ ހުއްޓުވަން ހިނގި ހަރަދު ލަފާ ކޮށްފައިވަނީ އިސްރާއީލުގެ އަސްކަރިއްޔާގެ ވެރިޔާ އަށް މާލީ ލަފާ ދޭ ކުރީގެ އެޑްވައިޒަރު އަދި ކުރީގެ ބްރިގޭޑިއަރ ޖެނެރަލެއް ކަމަށްވާ ރީމް އަމިނޯވް އެވެ.

އޭނާ ބުނެފައިވަނީ އިރާނުގެ ހަމަލާތައް ހުއްޓުވަން އިސްރާއީލުން ބޭނުން ކުރަން ޖެހުނު އިންޓަސެޕްޓަރ މިސައިލުތަކުގެ އަދަދު އޭނާ ލަފާކޮށްފައިވާނެ ކަމަށެވެ.

އިރާނުގެ ވަރުގަދަ ހަމަލާގައި 170 ޑްރޯނާއި، 30 ކްރޫސް މިސައިލާއި، 120 ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށް އިސްރާއީލުން ބުނެފައި ވެއެވެ.

އިރާނުގެ ހަމަލާތައް ހުއްޓުވަން އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި އުރުދުން އިން ވަނީ އިސްރާއީލަށް އެހީތެެރިވެފައެވެ.

އިރާނުން ދިން 99 އިންސައްތަ ހަމަލާ އިސްރާއީލުގެ ސަރަހައްދަށް އަމާޒުވުމުގެ ކުރިން ހުއްޓުވާފައިވާނެ ކަމަށް އިސްރާއީލާއި އިސްރާއީލުގެ އެކުވެރިން ވަނީ ބުނެފައެވެ.

އިރާނުގެ މިސައިލުތައް ހުއްޓުވުމަށް އެމެރިކާ ސިފައިން ދެއްކި "އާދަޔާ ހިލާފު ހުނަރާއި ޕްރޮފެޝަނަލިޒަމް" އަށް އެމެެރިކާގެ އަސްކަރީ މައި އިދާރާ ޕެންޓަގަންގެ ވެރިޔާ ލޮއިޑް އޮސްޓިންވެސް ވަނީ ތައުރީފު ކޮށްފައެވެ. އަދި އިރާނާއި އިރާނުން ވާގިވެރިވާ ޕްރޮކްސީ ޖަމާއަތްތަކުން ދީފާނެ ހުރިހާ ހަމަލާއަކުން އިސްރާއީލު ދިފާއު ކުރުމަށް އަބަދުވެސް ތައްޔާރަށް ތިބޭނެ ކަމަށް އޮސްޓިން ވަނީ ބުނެފައެވެ.

300 އަށް ވުރެ ގިނަ ޑްރޯނާއި، ކްރޫސް މިސައިލާއި، ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން އިރާނުން މިދިޔަ ހޮނިހިރު ދުވަހު އިސްރާއީލަށް ހަމަލާ ދީފައިވަނީ އިސްރާއީލުން ސީރިއާގެ ވެރިރަށް ދިމިޝްގުގައި ހުންނަ އިރާނުގެ ކޮންސިއުލޭޓަށް ހަމަލާދީ އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ގުދުސް ފޯސްގެ ދެ ކޮމާންޑަރުންނާއި ސިފައިންތަކެއް މަރާލުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަށިކެޔޮ އާދަނު

    ރާކަނިމަސްކެވިއްޖެއެންނު ؟؛ އީރާނުން ދެންދޭހަމަލާހުއްޓުވަން އުރްދުން އިނގުރޭސިވިލާތް އަދި އެމެރިކާއާއި ޓެރެރިސްޓް އިޒުރޭލާއި ތިއިންކޮންމެގައުމަކުން 5 ބިލިއަން ޚަރަދުކުރަންޖެހޭނެ !!

    24
  2. ނުރަބެ

    ހޯތް ކޮންމެ ޑުރޯންއަކަށް 3 މިލިއަން ކޮންމެ މިސައިލްއަކަށް 5 ބިލިއަން ތިއޮތީ އެމެރިކާ އިނގިރޭސިވިލާތް ފުރާންސު އަދި އިޒުރޭލް ބަނޑަށްޖެހިފަ އަދިވެސް ފޮނި ކަނޑާ ގަދަބަސް ބުނުމުގަ ދެމިތިބޭ..

  3. ހެހެހެ

    އީރާނުން ތިދިން ހަމަލާއަކީ ވަރަށް ލުއި އެތިފަހަރެއް އެމީހުންގެ އަތުގައި މާބާރުގަދަ ހަނތިޔާރުތައް ހުރޭ ދެވަނަފަހަރަށް ދޭނެ ހަމަލާތައް ނުވެސް ހުއްޓުވޭނެ
    އެމަރިކާއަށް ރަނގަޅައް އިނގޭ މިކަން

    11
  4. ޕޭމަންޓް

    އީރަާން ނޯތު ކޮރެއާ، މިދެގައުމުމުގެ ފެންވަރު އެމެރިކާ އަށް ވަރަށް ރަނގަޅަށް އިގޭނެ.

  5. އަދީލް

    ޢިސްރާއީލްއަށް ހަމަލާ ދިނުމުގެ 72 ގަޑިއިރު ކުރިން އިރާނުން ވަނީ އެމެރިކާއާއި އެމެރިކާގެ ބައިވެރިންނަށް ހަމަލާދޭނެކަން އަންގާފަ. ޢެވަރުންވެސް އެމެރިކާއާއި އިސްރާއިލް ފެއިލްވީ ހަމަލާ ހުއްޓުވަން.